އެމްޑީޕީގެ އާންމު މެންބަރުންނަށް މަގުދައްކަންތިބީ ދީން ގަބޫލުނުކުރާ ބައެއް: ސައީދު

29 Dec 2019 | 09:25

އެމްޑީޕީގެ އާންމު މެންބަރުންނަށް މަގުދައްކައިދެން ރާއްޖޭގައި އޮންނަންޖެހޭނީ އިސްލާމް ދީންކަން ގަބޫލު ނުކުރާ ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ދ. ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ގާނޫނު އަސާސީގައި އިސްލާމު ދީނުގެ ވާހަކަ ވަރަށް ސާފުކޮށް އެބައޮތް ކަމަށެވެ. އެގޮތުން އިސްލާމްދީން ރާއްޖޭގައި އޮންނަން ޖެހޭނެ ކަމަށް ބުނާއިރު، އެމްޑީޕީގެ އާއްމު މެންބަރުންނަށް މަގުދައްކަން ތިބީ ދިވެހިރާއްޖޭގައި އޮންނަން ޖެހޭނީ އިސްލާމްދީން ކަމަށް ގަބޫލު ނުކުރާ ބައެއް ކަމަށެވެ.

އެއަށްފަހު ގައުމިއްޔަތުގެ ވާހަކަ ބައިބަޔަށް ބަހާލާފައި އޮންނަ ކަމަށް ސައީދު ވިދާޅުވިއެވެ.

ގައުމިއްޔަތު ހިމާޔަތް ކުރުމަށް ކުރަން ޖެހެނީ އެންމެ ކަމެއްކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ، އެއީ އިގުތިސޯދު ވަރުގަދަ ކުރުން ކަމަށެވެ. އޭގެ ސަބަބުން ސަލާންޖަހަން ނުޖެހޭ ގައުމަކަށް ދިވެހި ރާއްޖެ ވެގެން ދިއުމާއެކު، ފުދުންތެރި ގައުމަކަށް ރާއްޖެ ވެގެންދާނެ ކަަމަށް ސައީދު ވިދާޅުވިއެވެ.

މީގެއިތުރުން ސައީދު ވިދާޅުވީ ލަސްތަކެއްނުވެ، ރައީސް ޔާމީން މިނިވަން ކުރާނެ ކަމަށާއި ކޮންމެ ގޮތަކަށް ވާހަކަތައް ދެއްކި ނަމަވެސް ވަރަށް އަވަހަށް އަދާވާތްތެރިން ބަލިކުރާނެ ކަމަށެވެ.

ކުޑަހުވަދޫގައި ދެއްކެވި ވާހަކައިގައި ސައީދު ވިދާޅުވީ އެރަށަކީ ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ ބޮޑަށް ތަރައްގީކުރި އެއް ރަށްކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި ކުޑަހުވަދޫގެ ގިނަ މަގުތަކެއްގައި ތާރު އަޅާފައިވާ ކަމަށެވެ.

ނަމަވެސް ރައީސް ސޯލިހްގެ ސަރުކާރަށް ކުރީ ސަރުކާރުން ކުރި ވަރާއި ގާތަކަށް ވެސް މަސައްކަތް ނުކުރެވޭކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ ރައީސް ސޯލިހާއި، ޖަޒީރާ ރާއްޖޭގެ ތާރު ހުންނަނީ ހުދުކުލައިގައި ކަމަށެވެ.

Advertisement

ކޮމެންޓް