ސަލާމަތީ ބާރުތައް ކުއްލި ޙާލަތުގައި: ފެރުމާއި މާރާމާރީ މެކުހަށް

29 Dec 2019 | 18:11

ވައްކަމާއި ފޭރުމެވެ. މާރާމާރީއާއި މީހުން ރަހީނުކުރުމެވެ. މިއީ ފާއިތުވި ދެތިން ދުވަހެއްގެ ތެރޭގައި މީޑިޔާތަކުގެ ފަލަ ސުރުޚީއަށް އެރި ޚަބަރުތަކެވެ. މި ސުުރުޚީތަކާއި އެކު ގިނަބަޔެއްގެ ހިތުގައި އުފެދިފައިވާ އެންމެ ބޮޑު ޝަކުވާއަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަން އެކަށީގެންވާ މިންވަރަށް ކަށަވަރުކުރެވިފައި ނެތުމެވެ. އާބާދީގެ ބޮޑު ބަޔެއް ދިރިއުޅެމުންދާ ތޮއްޖެހިފައިވާ ރާއްޖޭގެ ވެރިކަން ކުރާ ރަށުގެ އަމާންކަމާއި މެދު، މިއަދު މިވަނީ ސުވާލުއުފެދިފައެވެ.

އިއްޔެ ނިމިގެންދިޔައީ ދެ މާރާމާރީގެ ޚަބަރަކާއި އެކުގައެވެ. ފުރަތަމަ މާރާމާރީގައި ބަންގްލަދޭޝަށް ނިސްބަތްވާ ބަޔަކު އެއްބަޔަކު އަނެއްބަޔަކަށް މާރާމާރީ ހިންގީއެެވެ. މާލޭގެ މަޖީދީ މަގުގައެވެ. ކާރޫބާރޫ ބޮޑު ސަރަހައްދެކެވެ. މިކަން ހުއްޓުވުމަށް ފުލުހުންވެސް އަދި އާންމުންވެސް ކުރި ކަމެއްގެ ވާހަކަ އެއްވެސް މިންވަރަކަށް އެނގެން ނެތެވެ. ކުރިނަމަ އައްސަރިބަހާއި ސާބަހެވެ!

ދެވަނަ މާރާމާރީ ރޭ ހިނގައިގެން ދިޔައީ ހުޅުމާލޭގައެވެ. ދިވެހިރާއްޖޭގައި މަސައްކަތްކުރާ ތުރުކީ މީހަކަށް ބަޔަކު އައިސް ހަަމަލާދިނީއެވެ. ހުޅުމާލޭގެ ނިރޮޅުމަގުގެ ސަރަހައްދެއްގައެވެ. މި ދެ ހާދިސާގައިވެސް އަނިޔާވި ފަރާތްތަކަށް މާބޮޑު ޒަޚަމެއްވެފައި ނުވެއެވެ. ނަަމަވެސް ދިވެހި ފަސްގަނޑުގައި އެހެން ގައުމެއްގެ ފަރާތްތަކަށް އަނިޔާ ލިބިގެން ދިޔުމަކީ ކަންބޮޑުވެ ލަދުވެތިވާން ޖެހޭ ފަދަ ކަމެކެވެ. ދިވެހި ގައުމަކީ ބޭރުގެ ފަރާތްތަކަށް އަމާން ގައުމެއްގެ ގޮތުގައި އޮތް ވިސްނުމަށް މިފަދަ ހާދިސާތަކުން އަސަރު ކުރާނެއެވެ.

މީގެ އިތުރުން ދާދިފަހުން ހިނގައިިދިޔަ އެއް ހާދިސާއަކީ ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ފައިސާތަކެއް ނެގުމަށްފަހު ނުކުތް މީހަކު ގަދަކަމުން ރަހީނުކޮށް، އޭނާގެ އަތުން ފައިސާތައް ނެގުމެވެ. ކުންފުންޏެއްގެ ބިދޭސީ މުވައްޒަަފަކު ފައިސާ ނަގައިގެން ނުކުތް އިރު ކުރިމަތީގައި އޮތް ކާރަކަށް ގަދަކަމުން އަރުވައިގެން ހުޅުމާލެއަށް ގެންގޮސް ރަހީނުކޮށް، ބިރުދެއްކުމަށްފަހު އޭނާއަތުން 130،000 ރުފިޔާ ފޭރުނު ކަމަށްވެއެވެ. ބޭންކެއްފަދަ މުހިންމު ތަނެއްގެ ބޭރުން މިފަދަ ކަމެއް ކުރެވޭނެހާ ވަރަށް މާލޭގެ ސަލާމަތީ ކަންކަން ބަލިކަށިވުމަކީ ކަންބޮޑުވާންޖެހޭ ކަމެެކެވެ.

އަދި އެހެންވެސް ހިތާމަވެރި ހާދިސާއެއް ސޯޝަލް މީޑިޔާއަށް ވަނީ ފެންމަތިވެފައެވެ. ބިދޭސީއަކު އަންހެނެއްގެ ފަހަތުން އޭނާގެ ގެޔަށްވަދެ ބަދުއަޚުލާގީ އަމަލު ހިންގަން އުޅުނު ވާހަކައެވެ. އެ ކުށަށް އެ ބިދޭސީ މީހާ އިއުތިރާފުވިކަމަށްވެސް ވެއެވެ. ނަަމަވެސް އެ ބިދޭސީ މީހާ ހައްޔަރުނުކުރެވުނީ ކީއްވެތޯ ވަނީ ސުވާލު އުފެދިފައެވެ.

މި ހުރިހާާ ކަމެއް ހިނގައިގެން ދިޔައީ ހަމަ މި މާާލޭގައެވެ. ސަލާމަތީ ބާާރުތަކުން ޚާއްސަ ހާލަތުގައާއި އޮޕަރޭޝަންތަކުގައި ތިބި ހާލަތުގައެވެ. އެމްއެންޑީއެފް ޔެލޯ އެލާޓްގައެވެ. ފުލުހުން ވައްކަމާއި ފޭރުން ހުއްޓުވުމުގެ ޚާއްސަ އޮޕަރޭޝަނެެއްގައެވެ. މި އޮޕަރޭޝަންތަކުން ކުރާ މަސައްކަތްތައްވެސް މީސް މީޑިޔާއިންނާއި ޚަބަރުން އާންމުންނަށް ފެނެއެވެ. ނަމަވެސް އަދިވެސް އެންމެން ކުރަމުންދަނީ ހަމަ އެއް ސުވާލެކެވެ. މާލޭގެ އަމާންކަމަށް މިވަނީ ކިހިނެތް ހެއްޔެވެ؟

Advertisement

ކޮމެންޓް

Advertisement