ކުށް މަދުކުރަން ފުލުހުން ހިންގާ ''ނިމޭ 19'' އޮޕަރޭޝަން ހުއްޓައިލަން އެމްޑީޕީން އަންގައިފި

31 Dec 2019 | 20:16

ފުލުހުން ހިންގާ އޮޕަރޭޝަނަކަށް "ނިމޭ 19 ކިޔުމުން އެޖެންޑާ 19 ގެ ނަމަށް ނުރަނގަޅު އަސަރުކުރާނެ ކަމަށްބުނެ، އެ އޮޕަރޭޝަން ހުއްޓައިލުމަށް އެމްޑީޕީން ފުލުހުންގެ އިދާރާއަށް އަންގައިފިއެވެ.

އެމްޑީޕީން ފުލުހުންގެ އިދާރާއަށް މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ، ފުލުހުން ހިންގާ އޮޕަރޭޝަނަކަށް "ނިމޭ 19" ކިޔުމުގެ ސަބަބުން އެ ޕާޓީން ނުހަނު ބުރަ މަސައްކަތުން ރައްޔިތުން މަގުބޫލުކަން ހޯދާފައިވާ "އެޖެންޑާ 19" މިނަމަށް ވަރަށް ނުރަނގަޅު އަސަރުކުރާނެ ކަމަށެވެ.

އެޖެންޑާ 19 ގުޅިފައިވަނީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން ކުރަން ކަނޑައަޅާފައިވާ މަސައްކަތަށް ކަމަށްވެފައި، އެ މަސައްކަތާއިމެދު ރައްޔިތުންގެ އިތުބާރު ގެއްލުމުގެ ފުރުސަތު އޮންނާނެ ކަމަށް ސިޓީގައި ވެއެވެ.

''ނިމޭ 19" ގެ ނަމުގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަން ހުއްޓާލުމަށް އެދި ފޮނުވި ސިޓީގައި އިތުރަށް ބުނެފައިވަނީ، ނިމޭ 19" އަކީ އެޕާޓީގެ "އެޖެންޑާ 19" އަށް ގޮންޖަހާފަދަ ގޮތަކަށް ބޭނުންކުރެވޭ ނަމެއް ކަމަށެވެ.

ފުލުހުންގެ އޮޕަރޭޝަނަކަށް އެފަދަ ނަމެއް ކިޔުމުން ފުލުހުންގެ މުއައްސަސާ ވަރަށް ބޮޑަށް ސިޔާސިވެފައިވާތަން ރައްޔިތުންނަށް ފެނިގެންދާނެކަމަށް ސިޓީގައި ބުނެއެވެ.

އަދި 2019 ވަނަ އަހަރު ނިމި 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހާއި ހަމަޔަށް ހިންގާ އޮޕަރޭޝަނަށް "ނިމޭ 19" ކިޔަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށްވެސް އެމްޑީޕީން ފޮނުވި ސިޓީގައި ވެއެވެ.

މީގެއިތުރުން ސިޓީގައި ބުނެފައިވަނީ، ''އެޖެންޑާ 19" އަކީ އެ ޕާޓީގެ ފިކުރީ މުދަލެއްކަމަށާއި، އެއީ އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައި، ނަމާއި އެނަމުގެ ލޯގޯ ފާސްކޮށް، އެނަމާއި ލޯގޯއިން ވަކި ކަންކަމެއް ރަމްޒުކޮށްދޭ މަފްހޫމަކަށް އެނަމާއި ލޯގޯ މިހާރު ވެފައިވާ ކަމަށެވެ.

އަދި އެކަން ހާސިލުކޮށްފައިވަނީ އެ ޕާޓީގެ ގިނަ މެންބަރުންގެ ވަރަށް ބުރަ މަސައްކަތުން ކަމަށްވެސް އެމްޑީޕީއިން ފޮނުވި ސިޓީގައި ބުނެއެވެ.

.

Advertisement

ކޮމެންޓް