އިރާގުގައި އެމެރިކާ ސިފައިން ތިބި މަރުކަޒަކަށް ރޮކެޓް ހަމަލާދީފި

05 Jan 2020 | 05:45

އިރާގުގައި އެމެރިކާގެ ސިފައިން ގާއިމްވެ ތިބޭ މަރުކަޒަކަށް ހަމަލާދީފިއެވެ.

އެގައުމުގެ ވެރިރަށް ބަޣްދާދާއި 80ކިލޯމީޓަރު ދުރުން އޮތް ބަލަދު އެއާ ބޭސްއަށް ރޮކެޓް ހަމަލާއެއް އަމާޒުވިކަން އޭއެފްޕީން ވަނީ ކަށަވަރުކޮށްދީފައެވެ. މި ހަމަލާގައި އެއްވެސް ފަރާާތަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މި ހަަމަލާ ދިނީ ކޮން ފަރާތަކުންކަން ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން އެމެރިކާއާއި ގިނަ ގައުމުތަކެއްގެ އެމްބަސީ ހުންނަ ބަޣްދާދުގެ ގްރީން ޒޯނަށްވެސް ވަނީ ރޮކެޓް ހަމަލާތަކެއް އަމާޒުވެފައެވެ. މި ހަމަލާތަކުން ބައެއް ގްރީން ޒޯން ކައިރީގައިވާ މީހުން ދިރިއުޅޭ ހިސާބަކަށް އަމާޒުވިއެވެ. މި ހަމަލާގައި އެ ސަރަަހައްދުން ފަސް މީހަކު ޒަޚަމްވިކަމަށް އިރާގުގެ ފުލުހުންނާއި ހަވާލާދީ ރޮއިޓާސްއިން ވަނީ ބުނެފައެެވެ.

މި ރޮކެޓް ހަމަލާތަކުގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ. ނަމަވެސް ފާހަގަކޮށްލެވޭ ގޮތުގައި މި ދުވަސްވަަރަކީ އެމެރިކާއާއި، އިރާނާއި އިރާގުގެ ޝީޢީ ހަނގުރާމަވެރިންނާއި ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާ ދަނޑިވަޅެކެވެ.

ދާދިފަހުން އެމެރިކާއިން އިރާގުގެ ޝީޢީ ޕެރަމިލިޓަރީ ގްރޫޕަކަށް ދިން ހަމަލާއަކާއި ގުޅިގެން، އެގައުމުގެ ގިނަ އަދަދެއްގެ ބަޔަކާއި އެ ޕެރަމިލިޓަރީ ގްރޫޕްގެ ފަރާތްތަކުން ވަނީ އެމެރިކާ އެމްބަސީގެ ބޭރު ފާރުގައި ރޯކޮށްލާފައެވެ. އެމެރިކާއިން ވަނީ މިއީ އިރާން ފަހަތުގައި އޮވެގެން ކުރުވި ކަމެއްކަމަށް ބުނެފައެވެ.

މިކަމަށް ބަދަލު ހިފުމުގެ ގޮތުން އެެމެރިކާއިން ވަނީ ބަޣްދާދުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރަށް ވަރުގަދަ ހަމަލާއެއް ދީފައެވެ. މި ހަމަލާގައި އިރާނުގެ ރިވަލޫޝަރަނީ ގާޑްގެ ޔުނިޓެއްކަމަށްވާ ގުދުސް ފޯސްގެ ކޮމާންޑަރ ޖެނެރަލް ގާސިމް ސުލައިމާނީ ވަނީ ނިޔާވެފައެވެ.

ގުދުސް ފޯސްއަކީ އިރާނުގެ ރިވަލޫޝަރަނީ ގާޑުން އެގައުމުގެ ބޯޑަރުން ބޭރުގައި ހިންގާ އެކިއެކި އޮޕަރޭޝަންތައް ހިންގުމުގައި ހަރަކާތްތެރިވާ ޚާއްސަ ޔުނިޓެކެވެ.

Advertisement

ކޮމެންޓް