ޗައިނާ އާއެކު މިއަހަރު ގިނަ މަސައްކަތްތަކެއް ކުރެވޭނެ: ޝާހިދު

05 Jan 2020 | 11:26

ޗައިނާ އާއެކު، ރާއްޖެއިން މިއަހަރު ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝާހިދު މިފަދައިން ވިދާޅުވެފައި މިވަނީ، ޗައިނާގެ އެހީގައި ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމް ކުރާ ލޮލުގެ ބަލިތަކަށް ފަރުވާދޭ ކްލިނިކާ ގުޅޭގޮތުން ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ކުރެއްވި ޓްވީޓެއް ރީޓްވީޓު ކުރައްވަމުން ނެވެ.

ޝާހިދު ވިދާޅުވީ، އެ މަޝްރޫއު އަކީ ޗައިނާ އާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމުގެ ފުރިހަމަ ހެއްކެއް ކަމަށެވެ.

ރައްޔިތުންނަށް ފައިދާ ހުރި މިފަދަ ގިނަ މަސައްކަތްތައް މުސްތަގުބަލުގައިވެސް ދެ ގައުމު ގުޅިގެން ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝާހިދުގެ އެ ޓުވީޓައް ޖަވާބު ދެއްވަމުން ޗައިނާ ސަފީރު ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ރަނގަޅު ކަންކަން އަންނަން އެބަހުރި ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެމަނިކުފާނުގެ ޓްވިޓަރގައި ވިދާޅުވެފައިވަނީ، ދެޤައުމުގެ ސަރުކާރުގެ މަސައްކަތުން، ޚާއްޞަކޮށް ދެޤައުމުގެ ރައްޔިތުންގެ މެދުގަ އިތުރުވާ ގުޅުމުގެ ތެރެއިން ދެޤައުމަށް ފައިދާކުރަނިވި ކަންކަން ކުރެވޭނެކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

ޗައިނާގެ އެހީގައި ހުޅުމާލޭގައި ގާއިމް ކުރާ ލޮލުގެ ކްލިނިކް މިމަހުގެ މެދުތެރޭ ހުޅުވަން ތައްޔާރުވެފައެވެ.

Advertisement

ކޮމެންޓް