Advertisement

ދުންފަތުގެ އިސްތިއުމާލުކުރާނެ ބޫތުތަކެއް މާލެ ސިޓީ ކައުންސިލުން ހަދަނީ

05 Jan 2020 | 14:11

މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލުކުރާނެ ޚާއްސަ ބޫތުތަކެއް ގާއިމްކުރުމަށް ވިސްނަމުންދާާކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

ރާއްޖޭގެ އޮންލައިން ނޫހެއްކަމުގައިވާ "ސީއެންއެމް"އަށް މައުލޫމާތުދެއްވަމުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ޙާއްސަ ބޫތުތަކެއް ގާއިމްކުރުމަށް ކަމާއި ބެހޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްފައި ވާނެކަމަށެވެ. އަދި މި ބޫތުތައް ގާއިމްކޮށް ނިމުމުން މާލޭ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރެވިގެންދާނެކަމަށް ޝަމާއު ވިދާޅުވިއެވެ.

އެބޭފުޅާ ވިދާޅުވި ގޮތުގައި މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމަށް އެޗްޕީއޭއާއި ވަނީ ހަވާލުކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުން ވަނީ މާލޭގެ މަގުތަކުގައި ދުންފަތު އިސްތިއުމާލު ކުރުން މަނާކުރުމަށް ގަރާރެއް ފާސްކޮށްފައެވެ. މި ގަރާރަށް ހަ މަސް ދުވަސް ފަހުން އަމަލުކުރުމަށް ނިންމި ނަމަވެސް މިހާތަނަށް އެކަމަށް އަމަލުކޮށްފައެއް ނުވެއެވެ.

މިހާރުވެސް އާންމު ބައެއް ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާކަމެއްކަން ފާހަަަގަކޮށްލެވެއެވެ.

އެގޮތުން 2010 ވަނަ އަހަރު އުފެދިގެން އައި ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ގާނޫނާއި އޭގެ ދަށުން އައި ގަވައިދުން ދުންފަތުގެ އިސްތިއުމާލު ނުކުރެވޭނެ ވަކި އާންމު ސަރަހައްދުތަކެއް ވަނީ ކަނޑައަޅާފައެވެ.

އެގޮތުން ސިނަމާތަކާއި ޖަލްސާކުރާ މާލަންތަކާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ އުޅަނދުތަކާއި ސައި ހޮޓާ، ކެފޭ، ރެސްޓޯރަންޓް، ކާބޯތަކެތި ހަދާ ތަންތަނާއި މިސްކިތްތަކާއި ސިއްހީ ހިދުމަތް ދޭ ތަންތަނާއި އުނގަންނައިދޭ ތަންތަނާއި ކުޑަކުދިން ބަލަހައްޓާ އަދި ތަމްރީންކުރާ ތަންތަނާއި އެ ތަންތަނުގެ ހާމަކޮށް އޮންނަ ބިމާއި އެ ތަންތަނުގައި ހުންނަ ހުރިހާ އިމާރާތްތަކާއި އެ ތަންތަނަށް ވަދެ ނިކުމެ އުޅުމުގައި ބޭނުންކުރަން ޖެހޭ ތަންތަން އަދި ސަރުކާރުގެ އިމާރާތްތަކުގައި ވެސް ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާ ކަމެކެވެ.

Advertisement

ކޮމެންޓް