އިއްޔެ ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބައެއް ދިވެހިންގެ ވިސާގެ މައްސަލަ ހުރި!

06 Jan 2020 | 01:16

އިއްޔެގެ ވަގުތުތަކުގައި ސްރީލަންކާގެ ކޮހުވަލައިން ލަންކާާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބައެއް ދިވެހިންގެ ވިސާގެ މައްސަލަތައް ހުރިކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ވޮއިސްއަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ އެކިއެކި ސަބަބުތަކާއި ގުޅިގެން މިއަދުގެ ވަގުތުތަކުގައި 12ދިވެހިން ކޮހުވަލަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ކަމަށެވެ. އަދި އެފަރާތްތަކަށް އެހީވުމަށް އިއްޔެ އިރުއޮއްސި ހައެއް ޖެހިއިރުން ފެށިގެން ކޮހުވަލަ ޕޮލިސް ސްޓޭޝަންގައި އެމްބަސީގެ ކޮންސިއުލަރ މުވައްޒަފުން ހަރަކާާތްތެރިވަމުން އަންނަ ކަމަށް މިއުވާން ވަނީ ވިދާޅުވެފައެވެ.

އިއްޔެ ކޮހުވަލަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ބާރަ ދިވެހިންގެ ތެރެއިން ރޭ ވަނީ ފަސް ދިވެހިން ދޫކޮށްލާފައެވެ. އޭގެ ތެރޭގައި ތިން ކުދިންނާއި އެކުދިންގެ މަންމަވެސް ހިމެނެއެވެ. 

ފުލުހުންގެ ބެލުމުގެ ދަށުގައި ބާކީތިބި ފަރާތްތަކުގެ ތެރެއިން ފަސް ފަރާތެއް މާދަމާ ވަނީ ކޯޓަށް ގެންދިއުމަށް ހަމަޖެހިފައެވެ. ބެލެވޭ ގޮތުގައި މި ފަރާތްތައް މާދަމާާ ކޯޓަށް ގެންދިއުމުން ޕާސްޕޯޓްފަދަ ލިޔެކިޔުމެއް ހުށައަޅަންޖެހޭނަމަ އެކަން ކޮށްގެން، ނުވަތަ ޖޫރިމަނާއެއް ދައްކަންޖެހޭ ނަމަ އެކަން ކުރުމަށް އެއްބަސްވެއްޖެނަމަ ދޫކޮށްލުމުގެ ފުރުސަތު ބޮޑެވެ.

މިއުވާން އިތުރަށް ވިދާޅުވި ގޮތުގައި ހުއްދަ ވިސާއެއް ނެތި އެގައުމުގައި ދިރިއުޅެމުންދިޔަ ދެފަރާތެއްވެސް އިއްޔެ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ ފަރާތްތައްވެސް މާދަމާާ ކޯޓަށް ހާޒިރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮހުވަލަ ސަރަހައްދުގައި ހުންނަ މަރިޔާދު ކޮފީ ވިލާ ނަމަކަށްކިޔާ ދިވެހި ކެފޭއަކަށް ވަދެ އަތުގައި ޕާސްޕޯޓް ނެތް ބައެއް ފަރާތްތައް ގެންދިޔަކަމަށް މީސް މީޑިޔާގައި ވަނީ މައުލޫމާތު ފެތުރިފައެވެ. ކޮހުވަލަ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދެއްގައި ލަންކާގެ ފުލުހުންގެ މިފަދަ ހަރަކާތްތަކެއް ހިންގަމުންދާކަމަށް މައުލޫމާތު ލިބިފައެއް ނުވެއެވެ

ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާއި ފޮރިން މިނިސްޓްރީން ވަނީ ބޭރަށް ނުކުންނަ ވަގުތުތަކުގައި ޕާސްޕޯޓް ގެންގުޅުމަށް އެގައުމުގައި ދިރިއުޅެމުންދާ ދިވެހިންނަށް އިރުޝާދުދީފައެވެ. އަދި ލަންކާގެ އިދާރާއަކަށް ޕާސްޕޯޓް ހަވާލުކޮށްފައިވާނަމަ، އެކަމުގެ ރަސީދެއް އަތުގައި ބޭއްވުމަށްވެސް ވަނީ އެދިފައެވެ.

ލަންކާގައި މީގެކުރިންވެސް ވިސާގެ މައްސަލަަތަކާއި ގަވާއިދާއި ޚިލާފަށް ސިނގިރޭޓު ބޭނުންކުރާ މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ދިވެހިން ގެންދެވިފައިވެއެވެ.

Advertisement

ކޮމެންޓް