މުއްދަތު ހަމަވެފައިވާ ވިސާ އަދި ޕާސްޕޯޓަކާއި އެކު ލަންކާާގައި އުޅެމުންދިޔަ ދިވެއްސެއްގެ މައްސަލަ ކޯޓަށް!

06 Jan 2020 | 15:30

މުއްދަތު ހަމަވެފައިވާތާ ގިނަ ދުވަސްތަކެއްވެފައިވާ ޕާސްޕޯޓަކާއި އެކު އަވައްޓެރި ސްރީލަންކާގައި ދިރިއުޅެމުންދިޔަ ދިވެއްސެއްގެ މައްސަލަ ކޯޓަށް ފޮނުވުމަށް އެގައުމުގެ ކަމާއިބެހޭ ފަރާތްތަކުން ނިންމައިފިއެވެ.

ފޮރިން މިިނިސްޓްރީން ބުނިގޮތުގައި މިއީ އިއްޔެގެ ވަގުތެއްގައި ސްރީލަންކާގެ ކޮހުވަލަ ސަރަހައްދުން އެގައުމުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު 12ދިވެހިންގެ ތެރެއިން އެއް ފަރާތެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތުދިންގޮތުގައި މި ފަރާތަކީ ނުވަ މަސް ދުވަސް ވަންދެން ވިސާއެއް ނެތި ލަންކާގައި ދިރިއުޅެ، ޕާާސްޕޯޓްގެ މުއްދަތު ހަމަވެފައި އޮންނަތާ 8 މަސް ދުވަސް ވެފައިވާ ދިވެހި ފިރިހެނެކެވެ. މި ފަރާތުގެ އިތުރުން އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު އެއް އަންހެނެއް ދިޔައީ ވިސާއެއް ނެތި ހަ މަސްދުވަސް ވަންދެން ސްރީލަންކާގައި ދިރިއުޅެމުންނެވެ. މި އަންހެންމީހާގެ މައްޗަށް ޖޫރިމަނާ ދެއްކުމަށް އަމުުރުކުރުމަށްފަހު މިއަދު ވަނީ ދޫކޮށްލާާފައެވެ.

އަދި ‎ވިސާ ނެތި 1 ދުވަހު ސްރީލަންކާގައި އުޅުމާއި އުޅުމާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 1 އަންހެނަކު މިއަދު ހެނދުނު ވަނީ ދޫކޮށްލާފައެވެ.

‎އިއްޔެގެ ވަގުތެއްގައި ކުޑަ 3 ކުދިންނާއި، އެކުދިންގެ މަންމަ ކޮހުވަލަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެމީހުން ދިރިއުޅޭ ގެ ބަލާ ފާސްކުރިއިރު އެމީހުންގެ ޕާސްޕޯޓް ނެތުމުންނެވެ. އެމީހުންގެ ޕާސްޕޯޓް، ވިސާ ޖެހުމަށް ސްރީލަންކާ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމުގެ ލިޔުން ގެނައުމުން، އެމީހުން ވަނީ ރޭގެ ވަގުތެއްގައި ދޫކޮށްލާފައެވެ.

‎އަދި މީގެ އިތުރުން ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި ބޭރުގައި އުޅެ، ސްރީލަންކާއަށް އެތެރެކުރުން މަނާ ސިގިރެޓްގެ ބާވަތެއް އެތެރެކޮށް، ބޭނުންކުރުމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދިވެހި ފިރިހެން މީހެއްގެ މައްސަލަ ކޯޓަށް ފޮނުވާފައިވާކަމަށް ފޮރިން މިނިސްްޓްރީން ވަނީ މައުލޫމާތު ދީފައެވެ.

‎އަދި ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި ކޮފީ ޝޮޕެއްގައި ތިއްބައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 4 ފިރިހެނުން މިއަދު ވަނީ ދޫކޮށްލާފައެވެ.

އެހެންކަމުން ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތު ހުރީ އެންމެ ދިވެއްސެއްކަން ފާހަގަކޮށްލެވެއެވެ.

‎2019 ވަނަ އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ޙަމަލާތަކަށްފަހު އެޤައުމުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އަދި ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި އާއްމު ތަންތާނގައި ނޫޅުމަށާއި، ގޭގައި ތިބޭއިރުވެސް ކަމާބެހޭ ފަރާތްތަކުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި ދެއްކޭނެ ގޮތަށް ފަސޭހައިން ނެގޭގޮތަށް ޕާސްޕޯޓްތައް ބެހެއްޓުމަކީ ލަންކާ ސަރުކާރުން އެގައުމުގައި ދިރިއުޅޭ ބޭރު މީހުންނަށް އަންގާފައިވާ ކަންތައްތައް ކަމަށް ފާހަގަކޮށްލެވެއެވެ. އަދި ހަމައެއާއެކު، މިކަންކަމަށް ސަމާލުވުމަށް ސްރީލަންކާގެ ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ތަކުރާރުކޮށް އިލްތިމާސް ކުރަމުން ގެންދެއެވެ.

‎ސްރީލަންކާގައި ތިބުމުގެ ވިސާގެ މުއްދަތު ހަމަވުމުން، ވިސާ އާ ނުކޮށް އެގައުމުގައި ތިބުމަކީ ޤާނޫނީ ކުށެކެވެ. އަދި މިގޮތަށް ޤާނޫނާއި ޚިލާފަށް އަމަލުކުރާ މަދު ބައެއްގެ ސަބަބުން ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އާއްމުކޮށް އެކަމުގެ ދަތިތަކާ ކުރިމަތިލާން ޖެހޭކަން ތަކުރާރުކޮށް ފާހަގަވަމުންދާާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް