Advertisement

ރާއްޖޭގެ ނަފްސާނީ ބޭސްފަރުވާގެ ދާއިރާ ތަރައްގީކުރުމަށް އިންޑިޔާއިން އެހީވަނީ

08 Jan 2020 | 09:22

ދިވެހިރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފޯރުކޮށްދޭ ބޭސްފަރުވާގެ ފެންވަރު ކުރިއަރުވައި ތަރައްގީކުރުމަށް އެހީތެރިވުމާއި ގުޅޭގޮތުން އިންޑިޔާއާއި ރާއްޖެއާއި ދެމެދު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އިންޑިޔާއާއި ރާއްޖެއާއި ދެމެދު ސިއްހީ ދާއިރާއިން ގުޅުންތައް ބަދަހިކުރުމަށް ވެފައިވާ ފަހުމްނާމާގެ ދަށުން އެކުލަވާލާފައިވާ ޖޮއިންޓް ވޯކިންގ ގްރޫޕްގެ ބައްދަލުވުމުގެ ތެރެއިންނެވެ. މި ޖޮއިންްޓް ވޯކިންގ ގްރޫޕްގެ ބައްދަލުވުން މިއަދު ވަނީ މާލޭގައި ކުރިއަށް ގެންގޮސްފައެވެ.

މި ބައްދަލުވުމުގައި އިންޑިޔާގެ ސިއްހަތާއި ބެހޭ ވުޒާރާގެ ފަރާތުން އިސްކޮށް ބައިވެރިވެ ވަޑައިގެންނެވީ އެ ވުޒާރާގެ ސެކްރެޓަރީ ޕްރީތީ ސުދާންއެވެ. ރާއްޖޭގެ ސިއްހަތާއި ބެހޭ ވުޒާރާގެ ވަފްދުގައި އިސްކޮށް ހުންނެވީ ޕާމަނަންޓް ސެކްރެޓަރީ ޚަދީޖާ އަބްދުﷲއެވެ.

މި ބައްދަލުވުމުގައި ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ސިއްހީ ދާއިރާގެ ފަންނުވެރިންނާއި އެހެނިހެން އިދާރީ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފައެވެ. އެގޮތުން އެފަދަ ފަރާތްތަކަށް އިންޑިޔާއިން ތަމްރީން ފޯރުކޮށްދިނުމާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި އާންމު ސިއްހަތާއި ބެހޭ ދާއިރާއިންވެސް ދެގައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން އިންޑިޔާއިން ވަނީ ދިވެހިންނަށް ބޭނުންވާ އެކި އެކި ބޭސްތައް ހެޔޮއަގުގައި ލިބޭނެ އިންތިޒާމެއް ފޯރުކޮށްދޭނެ ކަމަށާއި، ކެންސަރުގެ ބައްޔަށް ރާއްޖޭގައި ލިބޭ ފަރުވާ ހަރުދަނާކުރުމަށް އެހީތެރިވެދޭނެކަމަށް ބުނެފައެވެ.

ޖޮއިންްޓް ވޯކިންގ ގްރޫޕުން ވަނީ ނަފްސާނީ ދުޅަހެޔޮކަމަކީ މި ސަރަހައްދުގައި މުހިންމުވަމުން އަންނަ ކަމެއްކަން ފާާހަގަކޮށް، ދިވެހިރާއްޖޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ހާލަތު ދެނެގަތުމަށާއި، އެކަމުގެ ބޭސްފަރުވާ ތަަރައްގީކުރުމަށް އެހީތެރިވެދޭނެކަމަށްވެސް ބުނެފައެވެ.

މި ޖޮއިންްޓް ވޯކިންގ ގްރޫޕް އުފެއްދި ފަހުމްނާމާގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުުރުފުޅުގެ ތެރެއިންނެވެ.

Advertisement

ކޮމެންޓް