ލަނޑު ޖަހަން މޮޅީ ކޮން ރޮނާލްޑޯއެއްކަން ފީގޯ ބުނެފި

03 Nov 2018 | 05:14

ބްރެޒިލްގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑޯ އަދި ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ތެރެއިން ލަނޑު ޖެހުމަށް މޮޅީ ބްރެޒިލްގެ ރޮނާލްޑޯކަމަށް މި ދެ ކުޅުންތެރިންނާއެކުވެސް ކުޅެފައިވާ ކުރީގެ ޕޯޗުގަލް އަދި ރެއާލް މެޑްރިޑްގެ ތަރި ލުއިސް ފީގޯ ހާމަކޮށްފިއެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ބޮލުން ގިނަ ގޯލުތަކެއް ޖެހިކަމުގައި ވިއަސް ލަނޑުޖަހައި ބޯޅަ ނިންމާލަން މޮޅި ބްރެޒިލްގެ ރޮނާލްޑޯ ކަމަށް ފީގޯ ބުންޏެވެ.

ދެ ރޮނާލްޑޯއަކީވެސް މޮޅު އަދި ވަރަށް ހުނަރުވެރި ކުޅުންތެރިން ކަމަށާއި، ދެ ކުޅުންތެރިންގެ ފަރާތުންވެސް ލަނޑުކެއް ފެނުމަކީ ކޮންމެ މީހަކަށްވެސް ޔަގީންކަން އޮންނަ ކަމެއް ކަމުގައި ޑީ.އޭ.ޒެޑް.އެންއަށް ދިން އިންޓަވިއުއެއްގައި ފީގޯ ވަނީ ބުނެފައެވެ.

"ކޮންމެ ޓީމަކަށް ކުޅެދިންކަމުގައި ވިއަސް ގިނަ އަދަދެއްގެ ލަނޑުތެކެއް ޖަހައިދޭނެ ކަމުގެ ގެރެންޓީ އޮންނަ ދެ ކުޅުންތެރިން އެއީ. ދަނޑުމަތީ އެހެން ކުޅުންތެރިން ކުރަން ޖެހޭނެހާވެސް ކަމަކީ ބޯޅަ ޕާސްކޮށްލާފަ ބަލަހައްޓައިގެން ތިބުން. ދެން ކުރަން ޖެހޭ ކަމެއް އެ ދެ ކުޅުންތެރިން ކުރާނެ" ބްރެޒިލްގެ ރޮނާލްޑޯ އަދި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ބެހޭ ގޮތުން ފީގޯ ބުންޏެވެ.

ބެލޮންޑިއޯ އަދި ފީފާ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ ފީގޯ ވަނީ ދުނިޔޭގެ ނަން މަޝްހޫރު އަދި މޮޅު ކުޅުންތެރިންނާއެކު ގައުމު އަދި ކްލަބް ފެންވަރުގައި ގިނަ މެޗުތަކެއް ކުޅެފައެވެ. އަދި ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ފީގޯ އަކީ ހުނަރުގެ ގޮތުން ބަލާއިރު ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރުވެސް މެއެވެ.

ފީގޯ މިހެން ބުނެފައިވާއިރު ކްރިސްޓިއާނޯ ރޮނާލްޑޯވަނީ މިދިޔަ މަހުތެރޭ އޭނާގެ ކެރިއަރުގައި ޖެހި ލަނޑުގެ އަދަދު 400 އަށް ހަދައި ޔޫރަޕުގެ އެންމެ ބޮޑު ފަސް ލީގުގެ ތެރެއިން މިކަން ހާސިލް ކުރި ފުރަތަމަ ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ.

Advertisement

ކޮމެންޓް

Advertisement