ރާޖަޕަކްސަގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަނީ

03 Nov 2018 | 10:44

‎މިދިޔަ ހަފްތާގެ ހުކުރު ދުވަހު، ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމަށް އެގައުމުގެ ރައީސް އައްޔަންކުރެއްވި މަހިންދަ ރާޖަޕަކްސަގެ އިތުބާރު ނެތްކަމުގެ ވޯޓެއް އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށައަޅައިފިއެވެ.

‎ސްރީލަންކާގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި މި މައްސަލަ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާއަށް ފޮނުވާފައިވަނީ ގާނޫނު ހަދާ މަޖިލީހުގެ ލީޑަރ އޮފް ދަ ހައުސްގެ މަގާމުގައި ހުންނެވި، ލަކްޝްމަން ކިރިއެއްލާއެވެ. 

ލަކްޝްމަން އަކީ މަގާމުން ދުރުކުރެވުނު ރަނިލްގެ ޔޫއެންޕީގެ މެންބަރެކެވެ. މި މައްސަލަ ހުށައަޅާފައިވަނީ ލަންކާގެ ގާނޫނު ހަދާ މަޖިލިސް އަލުން ފެއްޓުމަށް، އެގައުމުގެ ޕާޓީތަކުން މަޖިލީހުގެ ރައީސްގެ އަރިހުގައި އެދިފައިވާ ދަނޑިވަޅެއްގައެވެ.

‎މި މައްސަލަ ހުށައަޅަމުންވެސް ލަކްޝްމަން ވަނީ ގާނޫނީ ބޮޑުވަޒީރަކީ އަދިވެސް ޔޫއެންޕީގެ ލީޑަރ ރަނިލް ވިކްރަމަސިންހަ ކަމަށް ވިދާޅުވެފައެވެ. އަދި ރާޖަޕަކްސަ މަގާމުން ދުރުކުރުމަށް ނަގާ ވޯޓުގައި

‎މަޖިލީހުގެ މެޖޯރިޓީ ލިބޭނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

‎ސްރީލަންކާގެ ގާނޫނު ހަދާ މަޖިލިސް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ ހަތެއްވީ ދުވަހުގައެވެ. ބެލެވޭ ގޮތުގައި މި ދުވަހު މަޖިލީހުގައި ބޮޑުވަޒީރުގެ ގޮނޑިކޮޅުގަައި އިންނަވާނީ މަހިންދަ ރާޖަޕަކްސައެވެ.

Advertisement

ކޮމެންޓް

Advertisement