ޖަލުތަކާއި ބެހޭ ސައްހަ މައުލޫމާތު ހާމަކުރަން އިދިކޮޅުން ގޮވާލައިފި

09 Jan 2020 | 13:37

ދިވެހިރާއްޖޭގެ ޖަލުތަކާއި ބެހޭ ސައްހަ މައުލޫމާތު ހާމަކުރަން އިދިކޮޅުގެ ފަރާތުން ކަމާއިބެހޭ ފަރާތްތަކަށް ގޮވާލައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިހެން އެދިފައިވަނީ ޖަލުތަކުގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށް ނެރުނު ނޫސް ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނީ ރާއްޖޭގެ ޖަލުތަކުގައި ހިނގަމުންދާ ކަންތައްތަކާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވާ، ނޫސްވެރިންގެ ވަރަށް ގިނަ ސުވާލުތަކަށް ޖަވާބު ނުދެއްވާ ޖަލުތަކުގެ ޙާލަތާ ބެހޭގޮތުން އޮޅުލާވާފައިވާތީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަަމަށެވެ. އަދި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ޖަލުތަކުގެ ކަންކަން އިޞްލާޙުކުރުމުގައި ފެއިލް ވެފައިވާތީ ވަގުތުން ވަގުތަށް އިސްތިއުފާ ދިނުމަށް ކޯލިޝަނުން ގޮވާލާފައިވާ ގޮވާލުން އަނެއްކާވެސް ވަނީ ތަކުރާރުކޮށްފައެވެ.

މީގެ އިތުރުން ޖަލުގެ ކަންތައްތައް ގޯހުން ގޯހަށް ގޮސް، ޖަލުގެ ކަންކަން ނުބެލެހެއްޓި ބޮއްސުންލާފައިވާއިރު، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މިކަމާ އެއްވެސް އެއްޗެއް ވިދާޅުނުވެ ހަނުހުންނަވާތީ އެ ދެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ޚާއްޞަކޮށް މާފުށީ ޖަލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން 5 އަހަރު ދުވަހުގެ ސިޔާސީ ޙުކުމެއް ތަންފީޒު ކުރަމުންދާ ޕީޕީއެމްގެ ރައީސް، އަދި 2023 ވަނަ އަހަރުގެ މި ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަލާމަތާ ރައްކާތެރިކަމާމެދު މި ކޯލިޝަނުން ކަންބޮޑުވަމެވެ. ޖަލުގެ ޙާލަތާބެހޭ އެންމެ ފުރިހަމަ މަޢުލޫމާތު ހާމަކުރަން މިސަރުކާރުން ފަސްޖެހެމުންދާތީ އެމަނިކުފާނުގެ ޙާލުކޮޅާމެދު މިކޯލިޝަނުން ވަރަށް ބޮޑަށް ކަންބޮޑުވަމެވެ"، ބަޔާނުގައިވެއެވެ.

އެ ކޯލިޝަނުން ބުނީ ޖަލުތަކުގެ ޙާލަތާ ގުޅޭގޮތުން އެކި މުއައްސަސާތަކުން ދައްކަމުންދާ ވާހަކަތަކުގައި ދެކޮޅު ނުޖެހޭ އެތައް ކަމެއް ހުރިކަން ފާހަގަވެގެން ދިއުމަކީ މިކަމުގެ ޙަޤީޤަތް ފޮރުވާ އޮޅުވާލަން ކުރާ މަސައްކަތެއްކަމުގައި ދެކޭކަމަށެވެ. މިކަމަކީ ހެޔޮވެރިކަން ކުރަންއައި ސަރުކާރަކުން އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަމެއް ނޫންކަމަށާއި އަދި އަނިޔާވެރިކަމާ ދެކޮޅު އެކިކަހަލަ ޝިޢާރު ބޭނުންކޮށްގެން ވެރިކަމަށް އައިސް މިފަދަ ޢަމަލުތައް ހިންގުމަކީ މިސަރުކާރުގެ އެއްވެސް ކަހަލަ އިޚްލާޞްތެރިކަމެއް، ތެދުވެރިކަމެއް ނެތްކަމާއި، މިއީ ކަނޑައެޅިގެން އަނިޔާވެރިވުން ކަމަށް ވަނީ ބުނެފައެވެ.

"އެހެންކަމުން ޖަލުތަކާބެހޭ ޞައްޙަ މަޢުލޫމާތު ހާމަކުރުމަށާއި، ޤައިދީންގެ އަސާސީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށާއި، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ޖަލުތަކުގެ ކަންކަން އިޞްލާޙުކޮށް ޤައިދީންނާމެދު ޢަމަލުކުރުމަށް މިކޯލިޝަނުން ސަރުކާރަށް ގޮވާލަމެވެ"، ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް