''އެޖެންޑާ 19'' ޕްރޮމޯޓްކުރަން ހިންގާ ހަރަކާތުގައި ކޯލިޝަނުގެ މެންބަރުން ބައިވެރި ނުވުމަށް އިދިކޮޅުން ގޮވާލައިފި

11 Jan 2020 | 11:54

އެމްޑީޕީގެ ރައީސް،އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު "އެޖެންޑާ 19" ޕްރޮމޯޓްކުރުމަށް އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހިންގަމުންދާ ހަރަކާތްތަކުގައި ޕީޕީއެމް އަދި ޕީއެންސީގެ މެމްބަރުން ބައިވެރިނުވުމަށް އިދިކޮޅު ކޯލިޝަނުން މިއަދު ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ، މިސަރުކާރަކީ ނުފުއްދޭ ވައުދުތައް ވަމުންދާ ސަރުކާރެއްކަން ވޭތުވެދިޔަ ދުވަސްތަކުގައި ވަރަށް ރަނގަޅަށް ހާމަވެފައިވުމާއެކު، މިހާރު މިސަރުކާރުން ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ރައްޔިތުންނަށް އަނެއްކާވެސް ގިނަ ހުވަފެންތަކެއް ދެއްކުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

އެހެންވެ، ރައީސް ޔާމީންއަށް ތާއީދު ކުރާ ކޯލިޝަންގެ މެމްބަރުންނާއި ގައުމުދެކެ ލޯބިވާ ރައްޔިތުންނަށް އެމްޑީޕީން ދައްކަމުންދާ ހުވަފެންތަކާއި ދަޅަތަކަށް ނުހެއްލުމަށް ކޯލިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ ފަރާތްތަކުން އެފަދަ ކަންކަމުގައި ބައިވެރި ނުވުމަށްވެސް އޮވާލާފައިވެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓު ދީގެން ނޫނީ ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ނުކުރެވޭނެ ކަމަށް އިދިކޮޅުން ބުނެއެވެ.

''އެހެންކަމުން، ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން ރައްޔިތުން އޮޅުވާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް މިކޯލިޝަނުން ގޮވާލަމެވެ. އަދި، ސަރުކާރުގެ ފައިސާއާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓާލުމަށާއި، މަޖލީހުގެ ރައީސް އިސްވެ ހުންނަވައިގެން މިހިންގާ ކަންތައްތައް އެއްގޮތަކަށްވެސް މިކޯލިޝަނުން ބަލައިނުގަންނަ ވާހަކަ ދަންނަވަމެވެ.'' އިދިކޮޅުން ބުނެފައިވެއެވެ.

އެމްޑީޕީން މިމަހުގެ 12 ގައި ''އުތުރު މަހާސިން'' ފެށުމަށް ވަނީ ނިންމާފައެވެ. މިދިޔަ އަހަރުގެ ތެރޭގައި ''ދެކުނު މަހާސިންތާ'' ގެ ނަމުގައި ދެކުނުގެ ފަސް އަތޮޅަށް އަމާޒުކޮށްގެން ގއ. ވިލިގިލީގައި ވަނީ މަހާސިންތާއެއް ބާއްވާފައެވެ.

Advertisement

ކޮމެންޓް