ރައްޔިތުންނަށް އޮޅުވާލައިފި، ރައީސް އޮފީހާއި ފުލުހުންގެ ތަފާސް ހިސާބުތައް ދިމަލެއް ނުވޭ: އާދަމް ޝަރީފު

12 Jan 2020 | 07:36

ސަރުކާރުގެ އެއެްވެސް އިހުލާސްތެރިކަމެއް ނެތް ކަމަށް ވިދާޅުވެ، ސަރުކާރުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލަމުންދާކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި، އިދިކޮޅު ކޯލިޝަނުން ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ، މިސަރުކާރުން ރައްޔިތުންނަށް އޮޅުވާލަމުންދާކަން ރައީސް އޮފީހުގެ ލިޔެކިޔުންތަކުންވެސް ފެންނަން އެބަހުރި ކަމަށެވެ.

އެގޮތުން ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ''މިނިވަންކަމާއެކު އެއް އަހަރު'' ގެ ނަމުގައި ނެރުނު ފޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާކުރެއްވީ 17 ނޮވެންބަރު 2019 ގައި ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންކަމަށްވާނަމަ، ރައްޔިތުންނަށް އެއް އަހަރު ގެއެްލިގެން ހިނގައްޖެ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

އޭގެ އިތުރުން އެފޮތުގައި ފާއިތުވި އަހަރުގެ ކާމިޔާބީތަކުގެ ތެރޭގައި ''ގަދަ ދިހައެއް'' ހިމަނާފައިވާ ކަމަށް ބުނި އިރު، ގަދަ ދިހައެއްގެ ތެރޭގައި ގައުމުގެ އަމަންއަމާންކަން ގާއިމު ކުރެވިއްޖެ ކަމަށް ބުނުމުން ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ދާދި ފަހުން މާލޭގެ މަގުމަތީގައި ބޮޑު މާރާމާރީއެއް ހިންގި ކަމަށާއި ފާއިތުވި އަހަރުގެ ޑިސެންބަރު މަހުގެ ހަތަރުވަނަ ދުވަހުގެރޭ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަކު އަނިޔާވެރި ގޮތަކަށް މަރާލި ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުންވެސް ލ. އަތޮޅުގެ ރަށެއްގައި މިދިޔަ އަހަރު ޒުވާން އަންހެން ކުއްޖަކަށް ވީނުވީއެއް ނޭނގިފައިވާއިރު، މިހާރުވެސް ދެ މީހަކު ގެއްލިގެން ކަނޑުގެ ސަރަހައްދު ބަލަމުންދާ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

އާދަމް ޝަރީފު ވިދާޅުވީ، ފުލުހުން އާންމުކުރި، ފާއިތުވި އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ނިމިދިޔަ އަހަރަކީ ވައްކަމާއި ކުށްކުރުން އިތުރު އަހަރެއްކަމަށެވެ. ނަމަވެސް ސަރުކާރުން ނެރުނު ކާމިޔާބީގެ ފޮތުގައިވާ ގޮތުން ފާއިތުވި އަހަރަކީ ކުށް މަދު އަހަރެއް ކަމަށް ބުނުމުން، ރައީސް އޮފީހާއި ފުލުހުންގެ އިދާރާއިން ހާމަކުރާ މައުލޫމާތު ދިމާނުވާކަން އެނގޭ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

'' ފޮތުގައި އެބަ އޮވޭ ގަދަ ދިހައެއްގެ ވާހަކަ. އެފޮތުގައި އެއް ކަމަކަށް އޮތީ ގައުމަށް ހަމަޖެހުމާއި އަމަންއަމާންކަން ގެނެސްދިން ވާހަކަ. އިއްޔެރޭ ފެންނާނެ މާލެ ތެރޭގައި ހިނގާދިޔަ ނުރައްކާތެރި މާރާމާރީ. މިހާރު އެއުޅެނީ މާލެ އަތޮޅުން ފަރަށް އެރި ދޯންޏެއްގައި ހުރި މީހަކަށް ވީނުވީ ގޮތެއް ނޭނގިގެން، އަދިވެސް ނުއެއް ހޯދޭ. ހުޅުމާލޭގައި ޑްރައިވަރު ގާސިމްު މަރާލީ، މިއީ އެންމެ މީހެއްގެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރަން. ލ. އަތޮޅުގައި ޒުވާން ޖިންސުއްލަތީފަކު ވީނުވީއެއް ނޭނގި ގެއްލިފައިވެއްޖެ، އަނެއްކޮޅުން އެތައް ބައިވަރު މާރާމާރީތަކެއް ހިނގަމުންދާއިރު، ޕޮލިހުން އެބަބުނޭ މިދިޔަ އަހަރު ކުށްކުރުން ގިނަ ކަމަށް. އެކަމަކު ރައީސް އޮފީހުން ނެރުނު ފޮތުގައި ބުނަނީ ކުށްތައް މަދުވި ވާހަކަ. މިވާގޮތެއް ބަލަންޖެހޭ އެބަ'' އާދަމް ޝަރީފު ވިދާޅުވިއެވެ.

މިއީ ސަރުކާރުގެ ކާމިޔާބީގެ ގަދަ ދިހައެއްގައި ހިމަނާފައިވާ ކަމަކަށް ވާއިރު ރައީސް އޮފީހުން އެފަދަ މައުލޫމާތެއް ހާމަކުރުމަކީ ސީރިއަސް މައްސަލައެއް ކަމަށެވެ. އެހެންވެ އެމައްސަލަ ބަލަންޖެހޭ ކަމަށް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement