ކުޅުދުއްފުއްޓަށް ލިބުނީ ސިޓީއެއްގެ އުރަ، ހިދުމަތެއް ނުލިބޭ: ޝިޔާމު

12 Jan 2020 | 14:14

ހދ. ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރި ނަމަވެސް ސިޓީއެއްގެ ދަރަޖަ ދީފައިވާ ތަންތަނަށް ދޭންޖެހޭ އެއްވެސް ހިދުމަތެއް އެސިޓީއަށް ދީފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީގެ ދާއިރާތައް ކަނޑައެޅުމަށް ހދ. އޭއީސީގައި ބޭއްވި ބައްދަލުވުމަށްފަހު، ކުޅުދުއްފުށި އޮންލައިން އަށް ދެއްވި އިންޓަވިއުއެއްގައި ޝިޔާމު ވިދާޅުވެފައިވަނީ، ސިޓީއަކަށް ބަދަލުވެގެން އައި ގޮތުން ކުޅުދުއްފުށި މާބޮޑަށް ނިކަމެތިވެގެންދާކަމަށެވެ.

ޝިޔާމު ވިދާޅުވީ، ރާއްޖޭގެ އެހެން ސިޓީތަކާ ތަފާތުކޮށް، ވަކި ރަށެއް ސިޓީއަކަށްވެގެން ދިޔަ މިއީ ފުރަތަމަ ފަހަރު ކަމަށެވެ.

އެގޮތުން އާބާދީގައި ދިހަ ހާސް ރައްޔިތުން ހަމަވުމުން ސަރުކާރުން ދިނީ ހަމައެކަނި ސިޓީއެއްގެ ނަން ކަމަށް ވިދާޅުވިއެވެ.

'' ސިޓީއެއްގެ އުރަ މި ލިބުނީ. އާބާދީގައި ދިހަހާސް ހަމަވީމަ ނަން މިޖަހާލީ ހަމައެކަނި." ސިޓީގެ ދަރަޖަ ކުޅުދުއްފުއްޓަށް ދިން ގޮތަށް ފާޑުވިދާޅުވަމުން ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމު ވިދާޅުވީ، އަތޮޅުތެރޭގެ އެހެން ހިސާބުތަކާ އަޅާ ބަލާއިރު ކުޅުދުއްފުއްޓަކީ މިހާރުވެސް އެކޮނޮމިކް ބޮޑު ހަބެއް ކަމަށެވެ. އެގޮތުން ވިޔަފާރީގެ ގިނަ މޫވްމަންޓްތައް އެރަށުގައި ހިނގަމުންދާ ކަމަށާއި އެންމެ ރަނގަޅު ގޮތުގައި ބިން ބޭނުންކުރާ ބަޔަކަށް ކުޅުދުއްފުށި މިސާލަކަށް ވާނެ ކަމަށް ޝިޔާމު ވިދާޅުވިއެވެ.

'' އެކަމަކު މިހާރު ވާގޮތަކީ ކުޅުދުއްފުށީގެ އިހްތސޯސްގެ ތެރެއިން ކުޅުދުއްފުށި ހޯދާ އާމުދަނީ އެކޮށް މި ޖެހެނީ ފިނޭންސް މިނިސްޓްރީއަށް ދޭން. ދެން ފިނޭންސް މިނިސްޓްރީން މިޖެހެނީ އެ އާމްދަނީގެ 40 ޕަސެންޓް މި ބަހަނީ." ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވިގޮތުގައި މީގެ ކުރިން ކުޅުދުއްފުށީ ބިމުން ލިބޭ އެންމެ ފައިސާއެއްވެސް ފިނޭންސް މިނިސްޓްރީއަކަށް ނުދާނެއެވެ.

ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ މި ސަރުކާރުން ރިޔާސީ އިންތިހާބުގައި ކުޅުދުއްފުށި ރައްޔިތުންގެ ގާތުވީ މުހިއްމު ވައުދެކެވެ. އެ ވައުދު ފުއްދެވުމުގެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިންކަން މިދިޔަ ޑިސެމްބަރު މަހުގެ 31ވަނަ ދުވަހު އިއުލާން ކުރައްވާފައެވެ.

Advertisement

ކޮމެންޓް