ކުރިމަތީ މިއޮތީ ގައުމުގެ މިސްރާބު ބަދަލުކުރަން ރަނގަޅު ފުރުސަތެއް: ޣައްސާނު

12 Jan 2020 | 17:46

ގައުމު މިހާރު މިދާ މިސްރާބު ބަދަލުކުރަން ކުރިޔަށް އޮތީ ރަގަޅު ފުރުސަތެއް ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާނު މައުމޫން ވިދާޅުވެއްޖެއެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މިނިވަންކުރުމަށް ގޮވައިލައި، އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޣައްސާނު ވިދާޅުވީ، ކުރިޔަށް އޮތީ ގައުމުގެ މިސްރާބު ބަދަލުކުރަން ލިބޭނެ ރަގަޅު ފުރުސަތެއް ކަމަށެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލު އިންތިހާބަކީ ގައުމުގެ މިސްރާބު ބަދަލުކޮށްލަން ލިބޭ ރަނުގެ ފުރުސަތެއް ކަން ފާހަގަކުރައްވައި ޣައްސާނު ވިދާޅުވީ، ގައުމުގެ ކުރިއެރުމާއި ރައްޔިތުންނަށް އުފާ ފަގަތިކަން ގެނެސްދެން އެދޭނަމަ އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓުންނަށް މިފަހަރު ވޯޓް ދޭން ޖެހޭ ކަމަށެވެ.

އަދި މިއީ ރައްޔިތުން ގޮތް ނިންމަން މިދައުރު ލިބޭނެ އެންމެ ފަހުގެ ފުރުސަތުކަން ޣައްސާން ފާހަގަކުރެއްވިއެވެ.

''ރައްޔިތުންގެ ވެރިކަން ބައްޓަން ކުރުމުގެ ސިޔާސަތު ގާނޫނުގެ ދަށުން ލިބިދީފައިވާ ރައްޔިތުންނަށް މިއަހަރު މިއޮތީ މުހިންމު ފުރުސަތެއް ލިބިފައި. އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ ވަރަށް ބޮޑު އިމްތިހާނެއް. އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ ގައުމުގެ މިސްރާބު ބަދަލު ކުރުމުގެ ފުރުސަތެއް.'' ޣައްސާނު ވިދާޅުވިއެވެ.

ޣައްސާނު ވިދާޅުވީ މި އިންތިހާބުގައި ސަރުކާރުން ރައްޔިތުންނާ މެދު ދެކެމުންދާ ގޮތާއި މެދު ވިސްނައި، ރައްޔިތުން ގޮތެއް ނިންމަން އެބަޖެހޭ ކަމަށެވެ.

ގައުމުގެ އިގްތިސޯދީ ދުވެލި ހުރި މިންވަރާއި އުމްރާނީ ތަރައްގީއާއި ރައްޔިތުންގެ ހަމަހަމަކަމާއި އަދުލު އިންސާފާއި އަދި މިނިވަންކަމާއި ސިޔާދަތާއި މެދު ސަރުކާރުން ވިސްނަނީ ކިހާ މިންވަރަށްތޯ ބަލައި، ރައްޔިތުން ގައުމުގެ މިސްރާބު ބަދަލުކުރަން ޖެހޭ ކަމަށް ޣައްސާނު ވިދާޅުވިއެވެ.

މީގެއިތުރުން ޣައްސާނު ވިދާޅުވީ، ރާއްޖޭގެ ގިނަ ރައްޔިތުން މިއަދު ތިބީ ވަރަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގައި ކަމަށާއި ރާއްޖޭގެ ތަރައްގީގެ ބާނީ(ރައީސް ޔާމީން) ޖަލުގައި ހޭދަކުރައްްވާ ކޮންމެ ވަގުތަކީ އެރައްޔިތުންގެ ހިތަށް ނުތަނަވަސްކަން ގެނުވާނެ ކަމެއް ކަމަށް ވެސް ޣައްސާނު ވިދާޅުވިއެވެ.

ޣައްސާނު ވިދާޅުވި ގޮތުގައި، ރައީސް ޔާމީން މިނިވަން ކުރުމަކީ މިއަދުވެސް އިދިކޮޅުގެ އެންމެ ބޮޑު މަސައްކަތެވެ. އެކަން ކުރަން ކިތަންމެ ބޮޑު މަސައްކަތެއް ކުރަންޖެހުނަސް ކުރާނެ ކަމަށް ޣައްސާނު ވިދާޅުވިއެވެ.

އަދި ގައުމު އަލުން އަނބުރާ އާރާސްތު ކުރެވޭނެ ހަމައެކަނި ރައީސަކީ ރައީސް ޔާމީން ކަމަށާއި އެކަން ކުރަން ކައުންސިލު އިންތިހާބުގައި އިދިކޮޅު ކޯލިޝަނަށް ވޯޓު ދިނުމަކީ ލާޒިމު ކަމެއް ކަމަށް ވެސް ޣައްސާނު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement