ޖުޑިޝަރީ އިސްލާހު ކުރަންޖެހޭ ހުރިހާ ކަމެއްކޮށް ނިންމައިފިން: ނަޝީދު

13 Jan 2020 | 14:29

ރައްޔިތުންނަށް ހަމަހަމަކަން ހޯދައިދިނުމަށްޓަކައި ޖުޑިޝަރީ އިސްލާހުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއްކޮށް ނިންމާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ތިލަދުންމައްޗަށް ކުރާ ދަތުރުގައި ހއ. ހޯރަފުށީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިހާބުގައި ައްޔިތުން އެންމެ ބޮޑަށް އެދެމުން ދިޔައީ ޖުޑިޝަރީ އިސްލާޙުކުރުމަށް ކަމަށެވެ.

އެގޮތުން އެޖެންޑާ 19 ގައި ޖުޑިޝަރީ އިސްލާހުކުރުމަށް ހިމަނައި، ރައްޔިތުންގެ މަޖިލީހުން މިހާރު ވާނީ ޖުޑިޝަރީ އިސްލާހުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްކޮށްފައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިސަރުކާރުގެ ފަސް އަހަރުގެ ވައުދުތަކުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދިނީ ޖުޑިޝަރީ އިސްލާހު ކުރުމަށް ކަމަށާއި އެކަމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް މަޖިލީހުން ގެނެސްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

''ޝަރުއީ ނިޒާމު އިސްލާޙުކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން ކުރާންހުރި ކަންކަން މިވަނީ ކޮށް ނިމިފައި، ޖޭއެސްސީގެ ގާނޫނަށް ބަދަލުގެނެވިއްޖެ، ފަނޑިޔާރުންގެ ގާނޫނަށް ބަދަލު ގެނެވިއްޖެ. ބާ އެޝޯސިއޭޝަން ރާއްޖޭގައި އުފެއްދިއްޖެ. ސުޕްރީމް ކޯޓުގެ ފަނޑީޔާރުން އަޅުގަނޑުމެންނަށް ބަދަލު ކުރެވިއްޖެ. ޖޭއެސްސީން ފަނޑީޔާރުންގެ ކަންކަން ވަރަށް ގާތުން އިންތިހާއަށް ބަލަމުން އެބަ ގެންދޭ.'' ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ޝަރުއީ ނިޒާމުގެ ކަންކަން އިސްލާހުކޮށްގެން މެނުވީ ރާއްޖޭގައި އެއްވެސް ކަމެއް ހަމަޔަށް ގެނެވެް ނެތްކަން އެއީ އަބަދުވެސް ދެނެ އޮތް ހަގީގަތެއް ކަމަށެވެ.

މީގެއިތުރުން ނަޝީދު ވިދާޅުވީ ލާމަރުކަޒީ ގާނޫނު ތަންފީޒު ކުރެވޭނެ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށެވެ.

"މިއީ އެހެން ބަޔަކަށް ކޮށްދެވޭނެ ކަމެއް ނޫން. ޕީޕީއެމަކަށް ވެސް ޖުމްހޫރީ ޕާޓީއަކަށް ވެސް އަދި އެހެން ޕާޓީއަކަށް ވެސް މި މަސައްކަތެއް ނުކޮށްދެވޭނެ.'' ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ޕީޕީއެމުން ގެންގުޅުނީ ރާއްޖޭގެ ރައްޔިތުން އެއްތަނަކަށް ޖަމާކުރުމުގެ ވިސްނުން ކަމަށެވެ. އެގޮތުން މާލެ ކައިރިން ބިމެއް ހިއްކާލުމަށްފަހު ހަނަފަސް ބިމަކަށް އެންމެން އެއްތަނަން ކުރަމުން ދިޔަ ކަމަށް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް