Advertisement

އާދަމް ޝަރީފު، ރައީސް ނަޝީދަށް: މިސަރުކާރު ނުވެއްޓި އޮތީ ކޯލިޝަނާ ހެދި

13 Jan 2020 | 18:07

އެމްޑީޕީގެ ވެރިކަމެއްގައި، ޒަމާނުއްސުރެ އެޕާޓީގައި ތިބި އާންމު މެންބަރުންނަށް ހިތްހަމަ ޖެހުން ނުލިބެނީ ސަރުކާރު ކޯލިޝަނަށް ބައި އަޅަންޖެހޭތީ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްކެވި ވާހަކަފުޅަށް، ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު ރައްދު ދެއްވައިފިއެވެ.

އެމްޑީޕީން ތިލަދުންމައްޗަށް ކުރާ ދަތުރުގައި، ހއ. އިހަވަންދޫގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ޕާޓީގެ މެންބަރުންނާއި ޕާޓީގެ މަސައްކަތުގައި އުޅުނު މީހުންނަށް ހައްގުވާ މިންވަރު ނުލިބެނީ ކޯލިޝަނަށް ބައިއަޅަން ޖެހޭތީ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް އުފެދިގެން އައުމާ އެކުގައި ރައްޔިތުންގެ އިތުރުން އެމްޑީޕީގެ އާންމު މެންބަރުންނަށް ވެސް އޭގެ ފުރިހަމަ ހިތްހަމަޖެހުމެއް ލިބިގެން ނުދާކަން ފެންނަ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޯލިޝަނުން ވެރިކަން އުފެދުނު ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާ ރައްޔިތުން ދެއްކީ އެހެން ގޮތަކަށެވެ.

ނަޝޯީދުގެ ވާހަކައަށް ރައްދު ދެއްވައި އާދަމް ޝަރިފު ވިދާޅުވީ، ރައްޔިތުންނަށް ހައްގުވާ މިންވަރު ކަނޑައެޅިއިރުވެސް ކޯލިޝަން އޮތް ކަމަށެވެ. ވެރިކަމަށް އައީވެސް ކޯލިޝަނުން ކުރި މަސައްކަތުންކަން ފާހަގަކުރައްވައި އާދަމް ޝަރީފު ވިދާޅުވީ، ސަރުކާރު ނުވެއްޓި އޮންނަނީ ކޯލިޝަނުގެ ސަބަބުން ކަމަށެވެ.

ސަރުކާރުގެ ދުވެލި މަޑުވެފައި އަދި އިހުލާސްތެރިކަމެއް ނެތިފައި، ހިންގަން ނޭނގޭތީ ހިދުމަތް ނުދެވެނީ ކަމަށް ވެސް އާދަމް ޝަރީފު ވިދާޅުވިއެވެ.

މިސަރުކާރުން ކޯލިޝަނަށް ބައިއަޅަން ޖެހޭކަމަށް ނަޝީދު ވިދާޅުވިއިރު، ކޯލިޝަނުގައި ހިމެނެނީ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި އެމްއާރުއެމް އެވެ. އެޕާޓީތަކަށް ނިސްބަތްވާ ބޭފުޅުން ވަޒީރުންގެ ގޮތުގައިވެސް އެބަ ތިއްބަވައެވެ.

Advertisement

ކޮމެންޓް