ރައީސް ނަޝީދު ސަރުކާރުގެ ކޯލިޝަނަށް: އެމްޑީޕީގެ ހާއްޔަށް އެއްވެސް ބަޔަކު ބިސް އަޅާނެ ކަމެއްނެތް: ނަޝީދު

14 Jan 2020 | 00:29

އެމްޑީޕީގެ ހާއްޔަށް އެއްވެސް ބަޔަކު ބިސް އަޅާނެ ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ތިލަދުންމައްޗަށް ކުރާ ދަތުރުގައި ރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ ނުސީދާކޮށް، ސަރުކާރު ކޯލިޝަނަށް ނިސްބަތް ކުރައްވައި ވާހަކަ ދައްކަވައިފައެވެ.

ނަޝީދު ވިދާޅުވީ ކާޅު ހާލި ހެދީމައި ކޮވެލި އައިސް ބިސް އަޅާނެ ކަމެއް ނެތް ކަމަށެވެ.

''އެމްޑީޕީގެ ހާއްޔަށް އެއްވެސް ބަޔަކު ބިސް އަޅާނެ ކަމެއްނެތް، ހަމަ އެއްބަޔަކުވެސް ބިސް އަޅާނެ ކަމެއްނެތް، އެކަމެއް ކުރާކަށް އެހެން ބަޔަކަށް ނުވެސް އިނގޭނެ. މި ހާލި ހަދާނީވެސް އަޅުގަނޑުމެން. މިއަށް ބިސް އަޅާނީވެސް އަޅުގަނޑުމެން، އެބިސް ފީކުރާނީ ވެސް އަޅުގަނޑުމެން، އޭގެން ފިޔޮއް ނެރޭނީވެސް އަޅުގަނޑުމެން. ހަމަ އެކުކުޅު ކާނީވެސް ހަމަ މި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާ އެކީގައި ދިވެހި ރާއްޖޭގެ ރައްޔިތުން.'' ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ކެމްޕޭނަށް ރަށްރަށަށް އަރާ ބައެއް ނޫންކަން ރާއްޖޭގެ ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. އިންތިހާބެއްް އައުމުން އެކަން ހާއްސަކުރަނީ ވަކި ކަމަކަށް ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެއީ ވަކި ވާހަކައެއް ދައްކަން ކަމަށެވެ. އަދި އެއަށް ކިޔާނީ ޑިމޮކްރަސީ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ނަޝީދު ވިދާޅުވީ، ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުތައް ރަނުން ރަނަށް ފުއްދަވާނެ ކަމަށާއި އެޖެންޑާ 19 ގެ ވައުދުތައްވެސް ފަސް އަހަރުގެ ތެރޭގައި ފުއްދާނެ ކަމަށެވެ.

''އަޅުގަނޑުމެން ކުރާ ވައުދުތައްވެސް ވަމުން މިދާ ވައުދުތައްވެސް ހާއްސަވެގެން މިދަނީ ވަކި ގަޑިއެއްގައި ވަކިކަމެއް ވަކި ގޮތަކަށް ކުރުމުގައި، 2018 ވަނަ އަހަރު މިރާއްޖޭގެ ވެރިކަން ބަދަލުވުމުގެ އެންމެ ބޮޑު ސިއްރަކީ ރާއްޖޭގައި އިންސާފު ގެއްލިގެން ދިޔަކަން. ފަނޑީޔާރުގެއިން ގާނޫނު ހެދުންވެސް އަދި އެހެން ކަންކަން ވެސް ކުރަމުން އައިކަން.'' ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުން ވެރިކަން ބަދަލުކުރީ އެގޮތަށް ބޭނުންވެގެން ކަމަށާއި މަޖިލީހުން ގާނޫނުތައް ހަދައިގެން ރައްޔިތުންގެ ވައުދުތައް ފުއްދައި ދިނުމަށް ކަމަށެވެ. އެހެންވެ މިހާރު އެ ވައުދުތައް ފުއްދިއްޖެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement