ޕީޕީއެމްގެ ވެރިކަމުގައި ލާމަރުކަޒީ ގާނޫނު އުލު ބައިންދައިފި: ނަޝީދު

16 Jan 2020 | 09:31

ޕީޕީއެމްގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ލާމަރުކަޒީ ގާނޫނު، އުލު ބައިންދާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"އެޖެންޑާ19 ރަށަށް"ގެ ނަމުގައި ތިލަދުންމައްޗަށް އެމްޑީޕީން ކުރަމުންދާ ދަތުރުގައި ހދ. ކުޅުދުއްފުށި ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ބަލަހައްޓަމުން އައި ދަރިއެއް ކަމަށާއި ނަމަވެސް ޕީޕީއެމް އިން ވަނީ ލާމަރުކަޒީ ނިޒާމް ޅަފަތުގައި ހަލާކު ކޮށްލަން މަސައްކަތް ކޮށްފައި ކަމަށެވެ.

''ޕީޕީއެމް އިން ފަސް އަހަރު ތެރޭގައި ލާމަރުކަޒީ ގާނޫނު ފަސް ފަހަރަށް އުލު ބަންދައިފި. ލާމަރުކަޒީ ނިޒާމް ހަލާކު ކޮށްލުމަށް ފަސް އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގާނޫނު އަސާސީގައި ހުރި، ރޫހު ވަނީ އެކުގައި ގެއްލުވާލާފައި،'' ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ލާމަރުކަޒީ ގާނޫނަކީ ކޮން އެއްޗެއްކަން އެމަނިކުފާނަށް ދަސްކޮށްދެއްވީ ރައީސް ސޯލިހެވެ.

''ލާމަރުކަޒީ ނިޒާމް ރައީސް ސޯލިހަށް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުގެ އުމުރުން ގާތްގަނޑަކަށް 18 އަހަރުން ފެށިގެން އަޅުގަނޑަށް ވައްދައިދީފައިވާ އެކަކީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ، ފާދިއްޕޮޅު ހިންނަވަރު، ނޫރާނީއާގެ އިބްރާހިމް މުހައްމަދު ސޯލިހް،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސޯލިހާއި އެމްޑީޕީގެ އެއްވެސް ބޭފުޅަކީ ވެރިކަމުގެ އަރާމާއި ލައްޒަތު ބޭނުންވެގެން އުޅުއްވާ ބޭފުޅެއް ނޫން ކަމަށެވެ.

އަދި ރަން އުނދޯލީގައި އިންނަވައިގެން ރަން އިލޮށިން ކަދުރުކާން ބޭނުން ނުވާކަމަށާއި ވެރިކަމުގެ އަރާމާއި ލައްޒަތު ގެއްލިގެންދާކަށްވެސް ބޭނުން ނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ރައީސް ނަޝިދު ވިދާޅުވީ ލާމަރުކަޒީ ނިޒާމެއްގެ މަސައްކަތް ކުރިއަށްދާގޮތް އިދިކޮޅު ފަރާތްތަކަށް ނޭނގޭނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނާއި ރައީސް ސޯލިހް އެކުގައި ނުކުމެވަޑައިގެންފިނަމަ، ސިޔާސީ ވާދަވެރިންނަށް އެބޭފުޅުން ބަލި ނުކުރެވޭނެ ކަމަށެވެ. އަދި އެކަން ކުރިން އޮންނާނީ ސާބިތުކޮށްދެއްވާފައި ކަމަށާއި އިދިކޮޅު ފަރާތްތަކަށް އެނގޭނެ ކަންކަން ވަރަށް ސާފު ކަމަށް ވިދާޅުވިއެވެ.

''އިދިކޮޅު ފަރާތްތަކަށް ކުރާން އެނގޭނެ އެއް ކަމަކީ އަޅުގަނޑުމެންނާއި ދިމާއަށް ލާދީނީއޭ ގޮވުން. އެއީ އެއްވެސް ދިވެހި ރައްޔިތަކު ގަބޫލުކުރާ ވާހަކައެއް ނޫން. ދެން، ދޮގު ހެދުން، ދެބަ އޮޑުވުން. ފިތުނަ އުފެއްދުން، ގައުމެއް ހަލާކު ވެގެން ދާނެ އެންމެހާ ކަމެއް އެދަނީ ކުރަމުން." ނަޝީދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement