Advertisement

ކައުންސިލުތަކުގެ މެޖޯރިޓީ ނުލިބިއްޖެނަމަ ވައުދުތައް ފުއްދަން ދަތިވާނެ: ރައީސް

17 Jan 2020 | 06:48

ކުރިޔަށް އޮތް ލޯކަލް ކައުންސިލުތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ނުލިބިއްޖެނަމަ ސަރުކާރުން ރައްޔިތުންނަށްވީ ވައުދުތައް ފުއްދަން ދަތިވެ، ހުރަސްތަކާއި ކުރިމަތިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

"އެޖެންޑާ19 ރަށަށް"ގެ ނަމުގައި ތިލަދުންމައްޗަށް އެމްޑީޕީން ކުރަމުންދާ ދަތުރުގައި ހދ. ކުޅުދުއްފުށި ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ވާދަވެރިން ކައުންސިލު އިންތިހާބު މުހިންމު ވެގެން އުޅޭ ސަބަބެއް އެއްގޮތަކަށްވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ޖެހިގެން އައި މަޖިލިސް އިންތިހާބުވެސް އެމްޑީޕީން ކާމިޔާބުކޮށްފައިވާ ކަމަށެވެ. އެހެންވެ ކައުންސިލު އިންތިހާބުވެސް އެމްޑީޕީއަށް ވަރަށް މުހިންމު ކަމަށާއި ވާދަވެރި ފަރާތްތަކަށް ކައުންސިލު އިންތިހާބު މުހިންމު ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

"ކައުންސިލް އިންތިހާބަކީ، މުޅިން ތަފާތު އިންތިހާބެއް. ސަރުކާރު ޖަވާބުދާރީކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިސް އެއޮތީ. އަޅުގަނޑުމެންނާ ވާދަވެރި ބޭފުޅުން، ކައުންސިލް އިންތިހާބު އެބޭފުޅުންނަށް ދެއްވަން އެ ބުނަނީ ކީއްވެ ކަމެއް އަޅުގަނޑަކަށް ނޭނގެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކައުންސިލު އިންތިހާބު އެމްޑީޕީއަށް ބޮޑުތަނުން ކާމިޔާބު ނުކުރެވިއްޖެނަމަ، ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް ދަތިވާނެ ކަމަށެވެ.

ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީ ކުރުމާއި ރަށު ތަރައްގީ ކުރުމަށް ވީ ވައުދުތައް ފުއްދޭނީ އެކަން ދަންނަ ބަޔަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

''އަޅުގަނޑު ދަންނަ ގޮތުގައި މިކަން ދަންނަ ބަޔަކަށް ތިބީ އެމްޑީޕީ. އެހެންކަމުން ކައުންސިލްތަކުގެ އިންތިހާބު ބޮޑުތަނުން އެބަޖެހޭ އެމްޑީޕީއަށް ކާމިޔާބުވާން، އެހެންގޮތަކަށް މިކަން ހިނގައްޖެނަމަ ވައުދުތައް ފުއްދުމުގައި ހުރަސްތަކެއް ކުރިމަތިވާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކައުންސިލްތަކުގެ ދައުރަކީ ސަރުކާރުން ކުރަން ނިންމާފައިވާ ކަންތައްތައް ކުރުމުގައި އެހީތެރިވެ ސަރުކާރުގެ ވައުދުތައް ތަންފީޒުކުރުން ކަމަށްވާއިރު، އެކަންކަން ކުރެވޭނީ ސަރުކާރުގެ ވައުދުތައް ގަބޫލުކުރާ އެ ވިސްނުންހުރި ބަޔަކަށެވެ.

އެހެންކަމުން، އެމަނިކުފާނު ވަނީ ތިލަދުންމަތީ ރައްޔިތުން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް

Advertisement