ކުޅުދުއްފުށީ ޓާޝަރީ ހޮސްޕިޓަލު ހިންގަން އާ އިމާރާތެއް އަޅާނަން: ރައީސް

16 Jan 2020 | 11:29

ހދ. ކުޅުދުއްފުށީގައި ޓާޝަރީ ހޮސްޕިޓަލު ހިންގަން އާ އިމާރާތެއް އަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

"އެޖެންޑާ19 ރަށަށް"ގެ ނަމުގައި ތިލަދުންމައްޗަށް އެމްޑީޕީން ކުރަމުންދާ ދަތުރުގައި ހދ. ކުޅުދުއްފުށި ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ކުޅުދުއްފުށި ހިމެނޭ ސަރަހައްދުގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަގަޅު ކުރުމަށް، ކުޅުދުއްފުށީގައި ޓާޝަރީ ހޮސްޕިޓަލެއް އިމާރާތްކޮށް ރައްޔިތުންނަށް ބޭނުންވާ ޒަމާނީ ހިދުމަތްތައް ދޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ތިލަދުންމަތީގެ ތަރައްގީއަށްޓަކައި ކުރާ މަސައްކަތުގައި މި ސަރަހައްދުގައި އިގުތިސޯދީ މަރުކަޒެއްގެ ގޮތުގައި ތަރައްގީކުރުމަށް ނިންމާފައި އޮތީ ކުޅުދުއްފުށި ކަމަށާއި، އެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިއަހަރުގެ ބަޖެޓުގައި ކުޅުދުއްފުށީ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ހިމަނާފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

''މިހާރު ހުރި ހޮސްޕިޓަލަކުން އެއްގޮތަކަށް ވެސް އެކަމެއް ނުވާނެ. އަޅުގަނޑުމެންނަށް އެކަން އިނގޭ. އަޅުގަނޑުމެންގެ ވިސްނުމަކީ މިރަށުގައި އަލުން ހޮސްޕިޓަލެއް އަޅާ ތިބޭފުޅުން ބޭނުންވާ ހިދުމަތްތައް އެތަނުން ލިބޭގޮތަށް ބަދަލުކުރުން. މި ހޮސްޕިޓަލް ވެގެންދާނީ ހަމައެކަނި މިރަށުގެ ރައްޔިތުންނަށް ހިދުމަތްދޭ ތަނަކަށް ނޫން. ތިލަދުންމައްޗާ މި ހިސާބުގެ ހުރިހާ ރައްޔިތުންނަށް އެތަނުގެ އެހީއާއި ހިދުމަތްތައް ލިބޭގޮތަށް އަޅުގަނޑުމެންގެ ޕްލޭން އެބައޮތް.'' ރައީސް ސޯލިހު ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހު ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވަރަށް ގިނަ ވައުދުތައް އެމަނިކުފާނު ވެވަޑައިގެންފައި ވާނެ ކަމަށެވެ. އެހެންވެ އެ ވައުދުތައް ފުއްދުމުގެ މަސައްކަތް މިހާރު ކުރައްވަމުންދާކަން ފާހަގަކުރެއްވިއެވެ.

އެގޮތުން ކުޅުދުއްފުށީ ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ އެރަށް ސިޓީއަކަށް ހެދުންކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެކަން ހާސިލު ކުރެވިއްޖެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ކައުންސިލްތަކުގެ ދައުރަކީ ސަރުކާރުން ކުރަން ނިންމާފައިވާ ކަންތައްތައް ކުރުމުގައި އެހީތެރިވެ ސަރުކާރުގެ ވައުދުތައް ތަންފީޒުކުރުން ކަމަށްވާއިރު، އެކަންކަން ކުރެވޭނީ ސަރުކާރުގެ ވައުދުތައް ގަބޫލުކުރާ އެ ވިސްނުންހުރި ބަޔަކަށް ކަމަށެވެ. އެހެންވެ ކައުންސިލު ތަކަށް އެމްޑީޕީގެ ކެންޑީޑޭޓުން އިންތިހާބު ކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

Advertisement

ކޮމެންޓް