Advertisement

ފަހު ވަގުތުގައި ރަޝްފޯޑް ޖަހައިދިން ލަނޑުން ޔުނައިޓެޑް ސަލާމަތްވެއްޖެ

03 Nov 2018 | 21:39

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަދި ބޯންމައުތް ވާދަ ކުރިމެޗު 2-1 ކުން މެންޗެސްޓާ ޔުނައިޓެޑް ކާމިޔާބު ކޮށްފިއެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައިވަނީ ބޯންމައުތްއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 11 ވަނަ މިނެޓުގައި ސްޓޭނިސްލަސް ނަގައިދިން ހުރަހަކުން ވިލްސަންއެވެ.

ފުރަތަމަ ހާފުގެ ބޮޑުބައި ނިމުނުއިރުވެސް ރަނގަޅު ކުޅުމެއް ނުދެއްކުނު ޔުނައިޓެޑުގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ 35 ވަނަ މިނެޓުގައި ސަންޗޭޒް ތިރިން ނަގައިދިން ހުރަހަކުން މާޝިއަލް ޖެހި ލަނޑާއެކުއެވެ.

ފުރަތަމަ ހާފައި ހިލާފަށް ދެވަނަ ހާފުގައި ޔުނައިޓެޑުންވަނީ ކުޅުން ރަނގަޅުކޮށް ނުރައްކާތެރި ހަމަލާތަކެއް ބޯންމައުތްގެ ގޯލަށް ފޮނުވާލާފައެވެ. އެގޮތުން ކެޕްޓަން ޔަންގް ފޮނުވާލި ހިލޭ ޖެހުން ފާހަގަކޮށްލެވެއެވެ. ޔަންގް ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ގޯލު ދަނޑިއަށެވެ.

ބޯންމައުތްވެސް ނުރައްކާތެރި ދެތިން ހަމަލާ ފޮނުވާލިއިރު ހުރަހަކަށްވީ ޔުނައިޓެޑުގެ ކީޕަރު ޑި ގެއާއެވެ.

ޔުނައިޓެޑުން ފުލުފުލުގައި އުފައްދަމުން ދިޔަ ހަމާލަތަކުން ލަނޑެއް ކާމިޔާބު ކުރެވޭ ވަރުވީ މެޗުގެ ފުރިހަމަ ވަގުތުހަމަވެ ދެއްކި އިތުރު ވަގުތުގައި ޕޮގްބާ ނަގައިދިން ހުރަހަކުން ރަޝްފޯޑް ޖެހި ލަނޑާއެކުއެވެ. ރަޝްފޯޑް މި މެޗަށް އަރާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ފުރަތަމަ ހާފުގައި ދެއްކި ދަށް ކުޅުމާއެކު 6-2 ކުން ފަހަތުގައި ނޯވެ 1-1 ކުން ނަތީޖާ އެއްވަރުވެފައި އޮތް އޮތުން ސަބަބެއް ކަމުގައި ދެއްކަމުން މޮރީނިއޯ ބުނެފައިވަނީ މެޗުގެ ފުރަތަމަ ހާފް ނިމުނު އިރު މުޅި ލީގުގައިވެސް ހުރި އެންމެ ނަސީބު ގަދަ ކޯޗަކީ އޭނާ ކަމަށެވެ. ފަރިތަކުރުން ތަކުގައި ކުރާ ބުރަ މަސައްކަތުގެ ނަތީޖާ މެޗުގެ ދެވަނަ ހާފުގައި ފެނުން ކަމަށްވެސް މޮރީނިއޯ ބުންޏެވެ.

ޔުނައިޓެޑް ދެން ކުޅެން އޮތީ ޗެންޕިއަންސް ލީގުގައި ޔުވެންޓަސްއައި އެވެ. މި މެޗް ކުޅެން ފަށާނީ އަންނަ ބުދަ ދުވަހު ރާއްޖެ ގަޑިން ދަންވަރު 01:00 ގައެވެ.

Advertisement

ކޮމެންޓް