Advertisement

ކޮއްކޮމެންނެވެ، އަހަރެމެން އެންމެންނަށް މާފުކުރާށެވެ!

17 Jan 2020 | 13:27

އަޅުގަނޑަކީ ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވަމުންދާތާ އެހާ ގިނަ އަހަރުވެފައިވާ ފަރާތެއް ނޫނެވެ. ނަމަވެސް ބޮޑެތި ހާދިސާތަކުގެ ގިނަ ޚަބަރުތައް ފާއިތުވެދިޔަ އަހަރުތަކުގައި ވާނީ ގާތުން ބެލި، ކަވަރު ކުރެވިފައެވެ. ހާދިސާތަކުގެ ހަފަރާތް ގެނެސްދިނުމަށް ވީ މިންވަރަކުން މަސައްކަތް ކޮށްދީފައެވެ. ނަމަވެސް ރޭ އިވުނު ހާދިސާއަކީ މިހާތަނަށް އިވުނު އެންމެ ހިތްދަތި ހާދިސާއެވެ.

އުމުރުން އެންމެ ދެ އަހަރުގެ މައުސޫމް ކުއްޖެކެވެ. އަނިޔާާވެރި ވަކިތަކެއްގެ ނުލަފާ ޝިކާރައަކަށް ވެގެންދިޔައީއެވެ. އެ ކުއްޖާއަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދީ، ލޯތްބާއި އަޅާލުން ފޯރުކޮށްދޭންެޖެހޭ ފަރާތްތަކުގެ ކިބައިންނެވެ. އަމިއްލަ އާއިލާގެ ތިން މެންބަރެއްގެ ފަރާތުން ޖިންސީ ގޯނާ ލިބިގެންދިޔައީއެވެ. ބައްޕަ، ކާފަ އަދި މުނިކާފަގެ ނަމުގައި ތިބި ޖައްލާދުންގެ ވަކިދަށުވެގެންދިޔައީއެވެ.

ތެދެކެވެ. މިއީ މިފަދަ ހާދިސާއެއް އިވުނު ފުރަތަމަ ފަހަރެއްވެސް ނޫނެވެ. ނަަމަވެސް އެއީ މަޑުޖެހިލައިގެން ތިބެލަންވީ ސަބަބެއް ނޫނެވެ. އެފަދަ ކިތަކެއް ކުދިން މި މުޖުތަމައުގައި ތިބޭނެބާވައެވެ. އަނިޔާ ތަހައްމަލުކޮށް އިންސާފަށް އެދިތިިބި އެތައް ކުދިން އަދިވެސް އެބަތިއްބެވެ. އެފަދަ ފަރާތްތަކަށް އެގޮތަށް ދިމާވީވެސް ހަމަ މުޖުތަމައުއިންނެވެ. އެފަދަ ފަރާތްތަކަށް އިންސާފު ނުލިބި ތިބީވެސް ހަމަ މުޖުތަމައުގެ ފަރާތުންނެވެ. ކޮއްކޮމެންނެވެ. އަހަރެމެން އެންމެންނަށް މާފުކުރާށެވެ!

ކޮއްކޮމެންނެވެ. އަހަރެމެން ބޮޑެތި މީހުން މުއައްސަސާތައް ހަދަނީ ގާނޫނުތައް ހެދުމަށާއި ގާާނޫނުތައް ތަންފީޒު ކުރުމަށެވެ. ކޮއްކޮމެންނަށް ތިޔަ ދިމާވިފަދަ ދެރަގޮތްތައް އެހެން ކުދިންނަށް ނުވުމަށް އަހަރެމެން އެތައް މުއައްސަސާއެއް ހަަދައި، އެތައް ގާނޫނެއް ފާސްކޮށްފީމެވެ. ނަމަވެސް ފެންނަމުންދާ މަންޒަރަކީ ކޮއްކޮމެންނަށް އިންސާފު ލިބުން ލަސްވެގެންދާތަނެވެ. ދެރަގޮތެއްވުމުން ދައުލަތުގެ ބެލުމުގެ ދަށަށް ކޮއްކޮމެން ކަހަލަ ކުދިން ގެންދިއުމުން، އެ ކުދިން ބަލަހައްޓާ މަރުކަޒުގެ ހާލަތުވެސް އިންތިހާއަށް ދަށެވެ. އެތަނުން ކުދިން ފިލަން މަސައްކަތްކުރާ ވާހަކައާއި، އެތަނުގައި ކުދިންނަށް އަނިޔާކުރާ ވާހަކަ އަބަދުމެ އަހަމެވެ. ކޮއްކޮމެންނެވެ! ކޮއްކޮމެންނަށް އިންސާފު ހޯދައިދޭން ތިބި މުއައްސަސާތަކުން ނާއިންސާފާއި ނާގާބިލުކަން ލިބޭތީ އަހަރެމެންނަށް މާފުކުރާށެވެ!

ކޮއްކޮމެންނަށް އަނިޔާ ލިބުމުން އާއިލާއިން އެހީ ނުވާނަމަ އެހީވާން މުޖުތަމައުގެ ކޮންމެވެސް ފަރާތެއް ހުންނާނޭ އަހަރެމެން އަބަދުވެސް ބުނަންދޯއެވެ. ނަމަވެސް މިފަަހަރު ދިމާވީ ދިމާ އިދިކޮޅަށެވެ. އަނިޔާގެ ވާހަކަ މުޅި ރަށަށް އެނގި، އެތަކެއް ކުދިންނަށް އެބީދައިން އަމަލުކުރާކަން މުޅި ރަށަށް އެނގޭކަމަށްވެއެވެ. އެކަމާއި ހުރެ މުދިންބެގެ ފަހަތުގައި ބައެއް މީހުން ނަމާދަށްވެސް ނާރާ ކަމަށްވެއެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާއި ހުރެ އެކަން ކަމާއިބެހޭ ފަރާތްތަކަށް ފޮރުވީއެވެ. އެންމެންނަށް އެނގޭ ބޮޑު ސިއްރެއްގެ ގޮތުގައި އެކަން ވެނިމުނީއެވެ. ކޮއްކޯއެވެ. ކޮއްކޮ އެބަޔެއްގެ ކިބައިން ރައްކާތެރިކަމަށް އެދުނު މުޖުތަމައުއިންވެސް ކޮއްކޮ ފެއިލްކޮށްލެވުނީތީ އަހަރެމެން އެންމެންނަށް މާފުކުރާށެވެ!

މިފަދަ ކޮންމެ ހާާދިސާއެއް ހިންގުމުން ކޮންމެ ފަރާތަކަށްވެސް އާރުލާާ ގޮވާލެވެނީ އިންސާފަށެވެ. ނަަމަވެސް އެ އިންސާފު ފޯރުކޮށްދޭން ތިބި އާއިލާ، މުޖުތަމައު އަދި މުއައްސަސާތަކުން މިފަހަރާއި އެހެނިހެން ފަހަރުތަކުގައިވެސް މިވަނީ އެކަމަށް ނުކުޅެދިފައެވެ. މިކަމަށް ދުވަހަކު މާފެއް ނުލިބޭނެކަން އެނގެއެވެ. އެހެން ނަމަވެސް މިފަދަ ކަމެއް އަލުން ތަކުރާރުވިޔަ ނުދޭ ހާލު އަހަރެމެންނަށް މާފުކޮށްދޭން އެދެމެވެ! އެކަމަށް އަހަރެމެން އެންމެން މަސައްކަތް ކުރަން އަޒުމު ކަނޑައަޅާ ހާލު މާާފުކޮށްދޭން އެދެމެވެ!

Advertisement

ކޮމެންޓް