ސޮލާރީގެ އިރުޝާދާއެކު ލީގުގައި ރެއާލް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި

04 Nov 2018 | 06:45

ސްޕެނިޝް ލީގުގައި ރެއާލް ވަލަޑޮލިޑް އަތުން 2-0 ކުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

މިއީ ކޯޗުކަމުގައި ސޮލާރީ ހުރެ ރެއާލް ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. އަދި މިއީ ރެއާލް އެންމެ ފަހުން ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗުކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ސޮލާރީގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުންވެސް ރެއާލްވަނީ މޮޅުވެފައެވެ. އެއީ ކޮޕާ ޑެލް ރޭ ގައި 4-0 ކުން ތިންވަނަ ޑިވިޝަނުގެ މެލިއްލާ އަތުން ރެއާލް މޮޅުވި މެޗެވެ.

ރެއާލްގެ ފަރާތުން ފެނުނު ދެ ލަނޑުވެސް ފެނިފައިވަނީ މެޗުގެ ފަހު ދިހަ މިނެޓު ތެރޭގައެވެ. އެގޮތުން ރެއާލްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ޒުވާން ފޯވަޑް އޮލިވޭރާ ޖޫނިއާއެވެ.

ރެއާލްގެ ދެވަނަ ލަނޑު ޖަހައިދިނީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. ރެއާލްއަށް މި ޕެނަލްޓީ ލިބުނީ ބެންޒީމާއަށް ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކައި ގުޅިގެންނެވެ.

ރެއާލްގެ ކުޅުމައި ދޭތެރޭ ހިތްހަމަ ނުޖެހިގެން އެ ޓީމުގެ ސަޕޯޓަރުންވަނީ މެޗު ކުޅެވެމުން ދިޔަ ވަގުތު މެދު ކެނޑުމެއް ނެތި ހިތްހަމަ ނުޖެހުމުގެ ޝުއޫރުތައް ފާޅުކޮށްފައެވެ.

މި މެޗުން މޮޅުވިކަމުގައި ވިއަސް ރެއާލް އޮތީ ތާވަލުގެ 6 ވަނައިގައެވެ. އެއީ 11 މެޗު ކުޅެގެން ލިބުނު 17 ޕޮއިންޓާއެކުއެވެ. 

Advertisement

ކޮމެންޓް