ނޫސްވެރިޔާ ނާސިފް ރ.އަތޮޅު ކައުންސިލް ރައީސްކަމަށް ކުރިމަތިލައިފި

20 Jan 2020 | 11:58

ނޫސްވެރިޔާ ނާސިފް ރ.އަތޮޅު ކައުންސިލް ރައީސްކަމަށް ކުރިމަތިލައިފި

ޗެނަލް 13ގެ ނޫސްވެރިއެއްގެ ގޮތުންނާއި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ހުސައިން ނާސިފް ރ.އަތޮޅު ކައުންސިލުގެ ރައީސް ކަމަށް ޕީޕީއެމްގެ ޓިކެޓް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

މަގުބޫލު ނޫސްވެރިޔާ ހުސައިން ނާސިފް ވަނީ ރ.އަތޮލު ކައުންސިލްގެ ރައީސް ކަމަށް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރަން ނިންމިކަން ސޯޝަލް މީޑިއާގައި އިއުލާންކޮށް އޭނާއަށް ތާއީދު އިތުރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ނާސިފް ބުނެފައި ވަނީ ގިނަ ބައެއްގެ އެދުމުގެ މަތިން ރ.އަތޮޅު ކައުންސިލުގެ ރައީސް ކަމަށް ވާދަކުރަން ނިންމީ އެއަތޮޅު ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ކަންބޮޑުވުންތަކާއި ނުތަނަވަސްކަން ހައްލުކުރުމުގައި ކުރީ ސަފަށް ނުކުމެ ހިތްވަރާއެކު މަސައްކަތް ކުރުމަށް ކަމަށެވެ.

އޭނާ ބުނީ މިހާރުގެ ސަރުކާރުން ވެރިކަން ހޯދީ ގިނަ ވައުދުތަކާއެކު ރައްޔިތުން ބޮލުގައި ތެތް ގޯނި އަޅުވައިގެން ކަމަށާއި ނަމަވެސް އެ ވައުދުތައް ފުއްދައި ދިނުމުގެ ބަދަލުގައި ތަފާތު ބަހަނާ ދައްކަމުންދާ ކަމަށެވެ. އެގޮތުން ވެރިކަން ލިބުމުން ކޮށްދެން ބުނި ކަންކަން ފުރިހަމަކުރެވޭނީ މަޖިލިސް ލިބިގެން ކަމަށް ބުނި ކަމަށާއި މަޖިލީހުގެ މެޖޯރިޓީ ލިބުމުން އެ ވާހަކަތަކުގެ ރާގު ބަދަލުވެ ކައުންސިލްތައް ވެސް ލިބިގެން ނޫނީ ވައުދު ނުފުއްދޭނެ ކަމަށް މިހާރު ބުނާ ކަމަށެވެ. ނަމަވެސް އެއްކޮށް ކައުންސިލުތައް އެއްކޮށް ސަރުކާރަށް ދިނަސް އެ ވައުދުތައް ނުފުއްދޭނެ ކަމަށާއި އަނެއްކާވެސް އިތުރު ބަހަނާތަކެއް ދައްކަން ފަށާނެކަން ނާސިފް ފާހަގަ ކުރިއެވެ.

ނާސިފް އިތުރަށް ބުނީ ސަރުކާރުގެ ވައުދުތައް ފުރިހަމަ ކުރަން އެދޭނަމަ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޕާޓީ ޕީޕީއެމްއަށް މެޖޯރިޓީ ދޭންޖެހޭ ކަމަށެވެ. އެގޮތުން ކައުންސިލުތަކުގެ މެޖޯރިޓީ ސަރުކާރަށްދީފިނަމަ އަތޮޅު ތެރޭގެ ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކުގެ ވާހަކަ ސަރުކާރާއި ހަމައަށް ފޯރުކޮށްދިނުމުގެ ބަދަލުގައި ކައުންސިލް މެމްބަރުން ތިއްބަވާނީ ސަރުކާރަށް ސަނާ ކިޔައިދީ އަތް ޖައްސަވަން ކަމަށާއި އޭގެ ބަދަލުގައި އިދިކޮޅު ފަރާތްތަކަށް ކައުންސިލްތަކުގެ މެޖޯރިޓީ ދީފިނަ ސަރުކާރުން ކުރާ ކަންތައްތަކާމެދު ފާރަވެރިވެ ރައްޔިތުންގެ އިހުސާސްތަކާއެކު ސަރުކާރު ޒިންމާދާރު ކުރުވަން ވަކާލާތުކޮށް އަޑު އުފުލާނެ ކަމަށެވެ. އެހެން ކަމަށް ވެއްޖެނަމަ ރައްޔިތުންގެ އާދޭސް އަޑު އަހަން ސަރުކާރަށް މަޖުބޫރުވާނެ ކަމަށާއި އެކަންކަމަށް ބީރުކަންފަތްދީގެން ފިނިކޮޓަރީގައި ބެޑް ޝީޓް އަޅައިގެން ވެރިންނަށް ނިދަން ނުތިބެވޭނެ ކަމަށެވެ.

ނާސިފް އިތުރަށް ބުނީ ރ.އަތޮޅުގެ ރަށްޔިތުން ވެސް ކުރާ އުއްމީދުތަކެއް ހުރި ނަމަވެސް އެފަދަ އެއްވެސް އަޑެއް މިހާރުގެ ސަރުކާރުން ނާހާ ކަމަށާއި ރ.އަތޮޅަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުންވެސް ސަރުކާރާއި ހަމައަށް އެ އަޑުތައް ފޯރުކޮށް ނުދޭ ކަމަށެވެ. އެހެން ކަމުން އަތޮޅު ރައްޔިތުން ދެކެމުންދާ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެހޭނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ހުރިހާ ރަށްތަކުގެ ގޮނޑިތަކާއި އަތޮޅު ކައުންސިލުގެ ރައީސްކަން ވެސް ޕީޕީއެމްއަށް ލިބިގެން ކަމަށެވެ.

ނާސިފް ބުނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އަޑު އުފުލުމުގައި މިހާރެކޭ ކުރިއަށް އޮތް ތަނުގައި ވެސް ފަސް ނުޖެހޭނެ ކަމަށާއި އެކަން ޕީޕީއެމްއަށް ތާއިދު ކުރައްވާ ހުރިހާ ބޭފުން ވެސް ގަބޫލު ކުރައްވާނެ ކަމަށެވެ. އަދި މާތްﷲގެ ތަނަވަސް ރަހުމަތާއެކު ޕީޕީއެމްގެ ޕްރައިމަރީ ކާމިޔާބުކުރެވި އަތޮޅު ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެވިއްޖެނަމަ އަތޮޅު ރައްޔިތުން ފަހުރުވެރިވާ ފަދަ ނަމޫނާ ދައްކަން ތައްޔާރަށް ހުރި ކަމަށެވެ. އެގޮތުން ރައްޔިތުންގެ އާދޭހުގެ އަޑު ސަރުކާ ހަމައަށް ފޯރުކޮށްދިނުމަށް އަތޮޅުގެ ހުރިހާ ރައްޔިތުންނާއި ޒުވާނުން ޕްރަމަރީގައި ނާސިފްއަށް ވޯޓް ދެއްވުމަށް ވަނީ އެދިފައެވެ.

ރ.އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވާ ހުސައިން ނާސިފް އަކީ ކުރީގެ ރައީސް ޔާމީންއަށް ވަރަށް ބޮޑަށް ތާއިދުކޮށް ޕީޕީއެމްއަށް ސަނާ ކިޔައިދޭ ޗެނަލް 13ގެ ނޫސްވެރިއެއްގެ ގޮތުގައި އަދި ޕްރެޒެންޓަރެއްގެ ގޮތުގައި ގިނަ ރައްޔިތުންތަކެއްގެ ރުހުމާއި ތާއީދު ހޯއްދަވާފައިވާ ފަރާތެކެވެ. އެގޮތުން ރާއްޖޭގެ ބޮޑެތި މީޑިއާތަކުގައި މަސައްކަތްކޮށް ތަޖުރިބާ ހޯދާފައިވާ ނާސިފް އަކީ ކޮންމެ ވައްތަރެއްގެ ޚަބަރަކާއި ރިޕޯޓެއް ވެސް ލިޔެލެވޭ އަދި ޚަބަރު ކިއުމާއި ތަފާތު އެކި ޒާތުގެ ޕްރޮގްރާމްތައްވެސް ހުށަހަޅައިދޭ މަގުބޫލް ފަރާތެކެވެ.

Advertisement

ކޮމެންޓް