Advertisement

އާސެނަލް އަދި ލިވަޕޫލްވެސް ރިކޯޑްތައް ދަމަހައްޓައިފި

04 Nov 2018 | 08:00

އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލް އަދި ލިވަޕޫލް ބައްދަލުކުރި މެޗު 1-1 ކުން އެއްވަރު ވެއްޖެއެވެ.

ފޯރި ގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗު އެއްވަރުވުމުން ހުރިހާ މުބާރާތަކުން އާސެނަލް ބަލިނުވާތާ 13 މެޗު ހަމަވީއެވެ. އަދި ލިވަޕޫލްވެސް ވަނީ ލީގުގައި ބަލިނުވެ އޮތް އޮތުން ދަމަހައްޓާފައެވެ.

އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އެޓީމުންވަނީ ގިނަ ވަގުތު ބޯޅަ ޑޮމިނޭޓްކޮށް ނުރައްކާތެރި ހަމަލާތަކެއްވެސް އުފައްދާފައެވެ. ނަމަވެސް މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައިވަނީ ލިވަޕޫލްއުންނެވެ.

62 ވަނަ މިނެޓުގައި ލިވަޕޫލަށް މެޗުގެ ކުރި ލިބުނީ މާނޭ ނަގައިދިން ހުރަހެއް އާސެނަލްގެ ކީޕަރު މަތަކުރަން އުޅުމުގެ ތެރޭގައި ޑިފެންޑަރެއްގެ ގައިގަ ޖެހިފަ ރީބައުންޑްވި ބޯޅައެއް ލިވަޕޫލްގެ މެދުތެރެއަށް ކުޅޭ މިލްނާ ވަރަށް ބާރަށް ގޯލު ތެރެއަށް ފޮނުވާލައިގެންނެވެ.

ނަމަވެސް ހިތްވަރު އެލުވާނުލާ އާސެނަލް ކުރަމުންއައި ހިތްވަރުގެ ނަތީޖާއަކަށްވީ މެޗުގެ 82 ވަނަ މިނެޓުގައި ލަކަޒެޓް ޖަހައިދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަވުމެވެ.

ގިނަ ވަގުތު ބޯޅަ ނުގެންގުޅެވުނު ނަމަވެސް ލިވަޕޫލްއުންވަނީ ނުރައްކާތެރި ހަމަލާތަކެއް އާސެނަލް ގޯލަށް ފޮނުވާލާފައެވެ. އެގޮތުން ޑިފެންޑަރު ވެން ޑައިކްއަށް ލިބުނު ރަނުގެ ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ވެން ޑައިކް ފޮނުވާލި އެއް ހަމަލާ ގޯލު ދަނޑިއަށް އަމާޒުވިއިރު ދެން ލިބުނު ފުރުސަތުތަކުގެ ހުރަހަކަށްވީ އާސެނަލްގެ ކީޕަރެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ކްލޮޕް ބުނީ އާސެނަލްގެ ކުޅުން ވަރަށް ރަނގަޅުކަމަށާއި މެޗު ވަރަށް 'އިންޓެންސް' ކަމަށެވެ. އާސެނަލްގެ ދަނޑުގައި ކުޅެ އެއް ޕޮއިންޓް ލިބުމަކީ ގޯސް ނަތީޖާއެއް ނޫންކަމަށްވެސް ކްލޮޕް ބުންޏެވެ.

އާސެނަލްގެ ކޯޗް އެމެރީ ބުނީ މި މެޗަކީ ސަޕޯޓަރުންނަށް ރަނގަޅު މެޗެއް ކަމުގައި ވިނަމަވެސް، އެއްވަރުވުމުން ނަތީޖާއާ ދޭތެރޭ އޭނާ މުޅިން ހިތްހަމަ ނުޖެހޭ ކަމުގައެވެ.    

Advertisement

ކޮމެންޓް