ވިކްޓިމް ސަޕޯޓް ޔުނިޓްގެ އިސްވެރިޔާއަކީ ކްލިނިކަލް މަސައްކަތެއް ނޫން، ލައިސަންސެއް ބޭނުމެއް ނުވާނެ: ޕީޖީ

20 Jan 2020 | 22:34

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވިކްޓިމް ސަޕޯޓް ޔުނިޓްގެ އިސްވެރިޔާ ޝިޔާނަތު ހަލީމްގެ ލައިސަންސް ނެތްތާ ގިނަ ދުވަސްތަކެއްވެފައިވާކަަމަށް ބުނާ ވާހަކަތަކެއް ފެންމަތިވެއްޖެއެވެ.

މި ވާހަކަ ސޯޝަލް މީޑިޔާގައި ތިލަކޮށްދީފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހައްގުގައި ވަކާލާތުކުރާ ފަރާތެއްކަމަށްވާ އަހުމަދު ހިޝާނެވެ.

މިކަމާާއި ގުޅޭގޮތުން ވޮއިސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ ޝަފީއު އަހުމަދު ވިދާޅުވީ ވިކްޓިމް ސަޕޯޓް ޔުނިޓްގެ އިސްވެރިޔާގެ ލައިސަންސް އާނުކޮށް އިނީ އެއީ ކްލިނިކަލް މަސައްކަަތަކަށް ނުވެ، އެ މަގާމަށް ބޭނުންވާ އެއްޗަކަށް ނުވާތީ ކަމަށެވެ.

ޝަފީއު ފާހަގަކުރެއްވި ގޮތުގައި ނަފްސާނީ މައްސަލަތައް ހުންނަ ފަރާތްތަކުގެ މައްސަލަތަކާއި ކުޑަކުދިންނާއި ގުޅޭ މައްސަލަތަކުގައި، އެ ޔުނިޓްގެ ލަަފަަޔަކަށް އެދުމުން އެ ޔުނިޓުން އެދޭނީ ކަމާއި ބެހޭ ފަރާތެއްގެ އެސެސްމަންޓެއް ހެދުމަށް ކަމަށެވެ. އަދި މީހެއްގެ މައްޗަށް ދައުވާ އުފުލޭނީ އެ އެސެސްމަންޓްގެ ދަށުންކަމަށް ޝަފީއު ވިދާޅުވިއެވެ.

ވިކްޓިމް ސަޕޯޓް ޔުނިޓްގެ މަސައްކަތަކީ ޕްރޮސެކިއުޓަރުންނަށް އެހީތެރިކަން ފޯރުކޮށްދީ، ޕްރޮސެކިއުޝަންގެ މަސައްކަތަށް ދާއިރާގެ ފަންނީ ބޭފުޅެއްގެ ލަފާއަކަށް އެދިއްޖެނަމަ އެކަން ފޯރުކޮށްދިނުންކަމަށް ޝަފީއު ފާހަގަކުރެއްވިއެވެ. އެެހެންކަމުން ކްލިނިކަލް މަސައްކަތެއް ނުކުރާތީ ލައިސަންސެއް ބޭނުން ނުވާނެ ކަަމަށާއި، މަގާމުގައި އެ ހުންނެވީ ގާބިލް ފަރާތެއްކަމަށް ޝަފީއު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement