Advertisement

ސިވިލް ސާރވިސް "ސްލޯ" ވުމުން ޝާހިދުގެ ފާޑުވިދާޅުވެއްޖެ

20 Jan 2020 | 22:48

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ސިވިލް ސާރވިސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޝާހިދު އެ ކޮމިޝަނަށް ފާޑުވިދާޅުވެފައިވަނީ، ފޮރިން މިނިސްޓްރީއަށް ޕާމަނެންޓް ސެކްރެޓަރީއެއް އައްޔަންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުުޅުގައި ވަނީ ސިވިލް ސާރވިސް ކޮމިޝަންގެ މަސައްކަތްތައް ލަސްކަމަށް ޝަކުވާ ކުރައްވައި، އެކަމުގެ ސަބަބުން މިނިސްޓްރީގެ މަސައްކަތަށްވެސް ދަތިވާކަމަށް ވިދާޅުވެފައެވެ. މީގެ ކުރިން ސަރުކާރުގެ އެއްވެސް ވަޒީރެއް މިހާ ފާޅުކަންބޮޑު ގޮތެއްގައި އެ ކޮމިޝަނަށް ފާޑުކިޔާފައެއް ނުވެއެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ބޭފުޅަކު ހަމަޖެހިގެން މިދިޔައީ އެމަގާމު ހުސްވެގެންދިޔަތާ ތިން މަސްވީ ފަހުންކަަމަށެވެ. އަދި އެމަގާމަށް ފަރާތެއް ފޮނުވާފައިވަނީ މީހަކު ހަމަޖެހުނުކަމަށް އެންގިތާ 42ދުވަސް ފަހުންކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. 

އެއީ އެއްގޮތަކަށްވެސް ވެގެންވާާނެ ގޮތެއް ނޫންކަމަށްބުނެ، އެ ކޮމިޝަން ޒިންމާދާރުވުމަށް އެދޭފަދަ މޭރުމަކުން ޝާހިދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

"‎ސިވިލް ސަރވިސް ކޮމިޝަން ވާންޖެހޭނެ ނަމޫނާ އަކަށް. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ނަމޫނާ ދައްކާ ބަޔަކު ކަމުގައި ކޮމިޝަން ވާންޖެހޭނެ. އޭގެ ބަދަލުގައި ފެނިގެން މިދަނީ ކަންކަން ލަސްވެ ކަންކަންން ދިގުލާ ގަބޫލުކުރަން ދަތި މިންވަރަށް ކަންކަމުގެ ވަގުތު ފާއިތުވެގެން ދާކަން. އެހެންވީމާ އެހެން ނުހެދުމަށް އަޅުގަނޑު އިލްތިމާސް ކުރަން"، ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ‎އެ އޮފީހުގެ މަގާމުތަކަކަށް އިއުލާން ކޮށްގެން އުޅޭތާ 28 ދުވަސް ވެފައިވާާ ކަަމަށެވެ. އެކަމުގައި ސިވިލް ސަރވިސް ކޮމިޝަނާއި މިނިސްޓްރީއާއި ދޭތެރޭ ވާހަކަ ދެކެވި މިނިސްޓްރީގެ މުވައްޒަފުންނަށް ބޭނުންވާ މަޤާމްގެ ކުރި އެރުމުގެ ކަންތައް ހަމަޖެއްސުމަށް އިއުލާން ކުރެވި އެ އިއުލާން ބާތިލް ކުރެވި އަލުން އިއުލާން ކުރެވުމަށް ވާހަކަ ދެކެވުމުން ދާތާ ޖުމްލަ މިހާރު 28 ދުވަސް ވެފައިވާާ ކަމަށެވެ.

"މީ ޤަބޫލް ކުރެވޭނެ ކަމެއް ނޫން މިއަށްވުރެ ހަލުވި ކޮށް އަޅުގަނޑުމެންގެ މެޝިނަރީ މަސައްކަތް ކުރަން ޖެހޭނެ"، ޝާހިދު ވިދާޅުވިއެވެ.


Advertisement

ކޮމެންޓް