Advertisement

ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ ފަރާތްތައް ދަންޖައްސާ މެރުމަށް ޖާބިރު ހުށައަޅައިފި

21 Jan 2020 | 13:00

ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ ފަރާތްތައް ދަންޖައްސާ މެރުމަށް ޑީއާރްޕީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށައަޅުއްވައިފިއެވެ.

ޖާބިރު މިގޮތަށް ހުށައަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައެވެ.

އެބޭފުޅާ ވިދާޅުވީ ކުޑަކުދިންނަކީ މާތްﷲ ސުބުހާާނަހޫ ވަތައާލާ މައިންބަފައިންނަށް ހަވާލުކުރައްވާފައިވާ ނުހަނު ބޮޑު އަމާނާތެއް ކަމަށާއި، އެކަމަށް ޚިޔާނާތްތެރިވެ ތުއްތުކުދިންނަށް ޖިންސީގޮތުން އިއާދަ ނުކުރެވޭފަދަ ބޮޑެތި އަނިޔާތައް ދެމުންދާ ފަރާތްތަކަށް އިސްލާމްދީނުގައިވާ ކަނޑައެޅިފައިވާ ހައްގު ނުދިނުމުގެ ސަބަބުން ގއ.ކަނޑުހުޅުދޫގައި ހިނގައިގެން އުޅޭ ފަދަ ހާދިސާތައް ތަކުރާރުވާާނެކަމަށެވެ. އެހެންކަމުން އެފަދަ އަމަލުތައް ހުއްޓުވުމަށް މިހިނދުން މިހިނދަށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހާއި، ދިވެހި ދައުލަތަށާއި އަދި ކަމާއިބެހޭ އެންމެހާ ފަރާތްތަކަށް ޖާބިރު ވަނީ ގޮވާލައްވާފައެވެ.

ޖާބިރު ވިދާޅުވީ މިފަދަ ކަންތައްތައް ހުއްޓުވެން އޮތީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި މިހާރު ހެދިފައިވާ ގާނޫނުތަކަށް ބަދަލުގެނެސްގެން ކަމަށް ވީނަމަވެސް، މިހާރުން މިހާރަށް އެ މަސައްކަތް ފަށަން ޖެހޭ ކަމަށެވެ. 

އެގޮތުން ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ ފަރާތްތަކުގެ އަދަބަކީ ރައްޔިތުންގެ ކުރިމަތީގައި ދަންޖައްސާ މެރުންކަަމަށް ހެދުމަށް ބޭނުންވާކަމަށް ޖާބިރު ވިދާޅުވިއެވެ. އެހެންކަމުން އެކަމަށް ތާއިދުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން ޖާބިރު ވަނީ އާދޭހާއި އެކު އެދިވަޑައިގަންނަވާފައެވެ.

އަދި އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނިންމަންޖެހޭ އެންމެހާ ކަންތައްތައް ނިންމުމަށް ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ޖާބިރު ވަނީ މަޖިލީހުގެ ރައީސަށް ދަންނަވާފައެވެ.

Advertisement

ކޮމެންޓް