ހިޝާނަށް ބަަޔަކު މަރުގެ އިންޒާރުދީފި

22 Jan 2020 | 17:18

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި ވަކާލާތުކުރާ ފަރާތެއްކަމުގައިވާ އަހުމަދު ހިޝާނަށް ބަޔަކު މަރުގެ އިންޒާރު ދީފިއެވެ.

ވޮއިސްއަށް މައުލޫމާތުދެމުން ހިޝާން ބުނީ ގްރޫޕަކުން އޭނާއަށް މަރުގެ އިންޒާރު ދީފައިވާ ކަމަށާއި، އެ ގްރޫޕުން އޭނާއަށް ފާރަލަމުންދާ ކަމަށެވެ. މި މައްސަލަ ފުލުހަށް ހުށައަޅާފައިވާކަމަށް ހިޝާން ވަނީ ބުނެފައެވެ.

ހިޝާނަށް ބަޔަކު އިންޒާރުދިންކަން މަޝްހޫރު ގާނޫނީ ވަކީލު އިސްމާއިލް ޝާހުވެސް ވަނީ ޔަގީންކޮށްދީފައެވެ. ވޮއިސްއަށް މައުލޫމާތުދެމުން ޝާހު ވިދާޅުވީ މިމަހުގެ 20ވަނަ ދުވަހު ހިޝާނާއި އެބޭފުޅާ މަގުމަތިން ދިމާވި ކަމަށާއި، ހިޝާން ހުރީ އެވަގުތު ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެފައިކަަމަށެވެ.

ޝާހު ހާމަކުރެއްވި ގޮތުގައި ހިޝާން ވަނީ ބަޔަކު ފާރަލަމުންދާ ކަމަށާއި އެފަރާާތްތައް ޖެހިގެން ހުރި ގޯޅީގައި އެބަތިބިކަމަށް ބުނެފައެވެ. އަދި އުޅެން އުނދަގޫވާކަމަށްވެސް ބުނެފައިވާކަމަށް ހިޝާނާއި ހަވާލާދީ ޝާހު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ ހިޝާނަށް ބަޔަކު އިންޒާރުދިން ދެވަނަ ފަހަރެވެ. މީގެ ކުރިން ހިޝާން ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ގޮވައިގެން ހުކުރަށް ދަނިކޮށް، އޭނާގެ ސައިކަލު ކުރިމައްޗަށް އަރައި ވަޅިއެއް ދެއްކުމަށްފަހު އިންޒާރު ދިންކަމަށް ހިޝާން ވަނީ ހާމަކޮށްފައެވެ.

ހިޝާނަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ނަމޫނާ ދައްކަމުން އަންނަ ފަރާތެކެވެ. މިފަދަ ދަރުމަވެރިއަކަށް އަދި އެހެން ދިވެހި ރައްޔިތަކަށް ނަމަވެސް ބަޔަކު އިންޒާރުދީފިނަމަ އެ މައްސަލައެއް ބަލައި ރައްކާތެރިކަން ފޯރުކޮށްދޭންޖެހެއެވެ.

Advertisement

ކޮމެންޓް

Advertisement