ޖިންސީ ގޯނާގެ މައްސަލަތަކަށް އޮތީ ޒީރޯ ޓޮލަރެންސް: ރައީސް

22 Jan 2020 | 09:46

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ސަރުކާރުން "ޒީރޯ ޓޮލަރެންސް" ގެންގުޅުއްވާނެ މައްސަލަތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަ ހުއްޓުމަކަށް ގެންނަން ރައީސް ގެންގުޅުއްވާ ސިޔާސަތު ހާމަކުރެއްވުމަށް އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ މިފަދަ މައްސަލަތައް ދިވެހި މުޖްތަމައުގައި އޮތް މިންވަރު ދެނެގަތުމުގެ މުހިންމުކަން ފާހަގަ ކުރައްވައި ކުޑަކުދިންނާ ގުޅޭ ޖިންސީ ގޯނާކުރުމުގެ މިފަދަ މައްސަލަތަކާއި ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވާފައެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ގޯނާ ކުރުމުގެ މައްސަލަތައް އޮތް މިންވަރު ދެނެގަތުން މުހިއްމު ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މިއަދު ވަޒީރުންގެ މަޖިލީހުންގައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި އިންސާފު ހޯދައިދިނުން އަވަސްކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިމަހުގެ ފަނަރަ ވަނަ ދުވަހު ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމުން، ރައީސް ސޯލިހު ވަނީ ކަމާ ބެހޭ އިދާރާތަކަުގެ އިސްވެރިންނާއި އެމަނިކުފާނު ބައްދަލުކުރައްވާފައެވެ.

Advertisement

ކޮމެންޓް

Advertisement