ފޮއްދޫ އަށް އުދައަރައި، ޖެޓީ ރަށާއި ވަކިވެއްޖެ

23 Jan 2020 | 22:27

ނ. ފޮއްދޫއަށް ވަރަށް ބޮޑަށް އުދައެރުމުގެ ސަބަބުން ޖެޓީ ރަށާއި ވަކިވެއްޖެއެވެ.

ފަހުގެ ތާރީހެއްގައިވެސް އެރަށަށް އެހާބޮޑަށް އުދައަރާފައި ނުވާކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

ފޮއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ސާމީ ވިދާޅުވީ، ރަށާއިވަކިވެފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ ރަށުގެ އިރުމަތީ ފަރާތުގައި ހަދާފައިވާ 230 ފޫޓުގެ ޖެޓީއެކެވެ.

ސާމީ ވިދާޅުވިގޮތުގައި ދިޔަވަރު ބޮޑުވެ، ރަށުގެ އެއްގަމަށް 250 ފޫޓަށް ރާޅު އެރިއެވެ.

ޖެޓީ ވަކިވުމުން މިހާރު ލަފާފުރަން ބޭނުންކުރަނީ ރަށުގެ ހުޅަނގު ފަރާތުން ބޮއްކުރައެއްގައެވެ. އަދި އެސަރަހައްދަކީ ފަޅެއް ނެތް ސަރަހައްދަކަށްވުމުން އެސަރަހައްދުން ލަފާފުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ސާމީ ވިދާޅުވިއެވެ.

ޖެޓީ ރަށާއި ވަކިވެފައިވާކަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެޓް އޮފީހުން މިއަދު ބުނެފައިވަނީ މިދުވަސްވަރަކީ އިރުވައި މޫސުމުގެ ހަޅަޖަހާ ދުވަސްވަރަށް ވުމުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވާ ކަމަށެވެ.

އުދައެރުމުގެ ސަބަބުން ރ. ކިނޮޅަހާއި އެއަތޮޅު އިނގުރައިދޫއަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެެވެ.

Advertisement

ކޮމެންޓް