ޗައިނާގައި ތިބި ހުރިހާ ދިވެހިން އެމްބަސީގައި ރަޖިސްޓަރވުމަށް އިލްތިމާސްކޮށްފި

24 Jan 2020 | 05:46

ޗައިނާގައި ދިރިއުޅެމުންދާ ހުރިހާ ދިވެހިން އެގައުމުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރަޖިސްޓަރވުމަށް އިލްތިމާސްކޮށްފިއެވެ.

މިފަދައިން އިލްތިމާސްކޮށްފައިވަނީ ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނީ ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން އެގައުމުގައި ތިބި ދިވެހިންގެ ހާލު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއާއި ބެއިޖިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ގެންދަނީ ވަރަށް ގާތުން ބަލަމުންދާކަމަށާއި ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ވޫހާން ޕްރޮވިންސްގައި ތިބި 6 ދިވެހިންނާ އެމްބަސީއަށް ގުޅިފައިވާކަމަށެވެ.

އަދި ވޫހާންގައި ތިބި ހުރިހާ ދިވެހިންގެ ހާލު ރަނގަޅުކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

"މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން ދަނީ ޗައިނާގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޗައިނާ ފޮރިން މިނިސްޓްރީއާއެކު ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންނެވެ. އަދި ޗައިނާގައި ތިބި އެހެން ގައުމުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަމުގެ ޔަގީންކަން ޗައިނާ ފޮރިން މިނިސްޓްރީއިން ވަނީ ދީފައެވެ. ހަމައެއާއެކު މިހާރު ފެތުރެމުންދާ ވައިރަސްއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ޕްރޮޓޮކޯލްތައް ތަންފީޒުކުރަމުންދާ ކަމުގެ ޔަގީންކަންވެސް އެގައުމުން ވަނީ ދީފައެވެ. މި ޕްރޮޓޮކޯލްތަކުގެ ދަށުން ވޫހާން ޕްރޮވިންސަށް ވަދެ ނިކުތުން މިވަގުތަށް ހުއްޓުވާފައިވާކަންވެސް ފާހަގަކުރަމެވެ."، އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ބަޔާން ނިންމާލަމުން ފޮރިން މިނިސްޓްރީން ވަނީ ޗައިނާގެ އެހެން ހިސާބުތަކަށްވެސް މިވައިރަސް ފެތުރެމުންދާތީ، އެގައުމުގައި ތިބި ހުރިހާ ދިވެހިންވެސް އެމްބަސީގައި ރަޖިސްޓްރީ ކުރުމަށް އިލްތިމާސްކޮށްފައެވެ.

Advertisement

ކޮމެންޓް