ވޫހާންގައި ތިބި ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ސަރުކާރުން ނިންމައިފި

25 Jan 2020 | 14:41

ކޮރޯނާ ވައިރަސް ހަލުވި މިނެއްގައި ފެތުރެމުން ދިއުމާއި ގުޅިގެން ކަރަންޓީން ކުރެވިފައިވާ ވޫހާން ސިޓީގައި ތިބި ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ސަރުކާރުން ނިންމައިފިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޫހާންގައި ތިބި ހަ ކިޔަވާާ ކުދިން އެ ޝަހަރުން ބޭރަށް ގެންދެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ދިވެހި ސަރުކާރުން ޗައިނާގެ ސަރުކާރާއި އެކު މަޝްވަރާކުރަމުންދާ ކަމަށެވެ.

ނަމަވެސް މުޅި އެ ޝަހަރު ބަންދުކޮށްފައިވުމުން މިކަމަކީ ދަތިކަމަކަށްވާނެ ކަމަށް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

އަދި ވޫހާންގައި ތަކެތީގެ އަގު އުފުލެމުން ދިއުމާއި ގުޅިގެން އެކަމަށް ރިއާޔަތްކޮށް، އެފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ވޮއިސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ، އެފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން އެ މަސައްކަތް ފޮރިން މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

މުޅި ވޫހާން ސިޓީ ލޮކްޑައުންއެއްގެ ހާލަތުގައި އޮތުމުން، އެ ޝަހަރުން ލިބޭ ކާބޯތަކެތީގެ މިންވަރު ދަށްވެ، ތަކެތީގެ އަގު ބޮޑުވެފައިވާކަމަށް ބައިނަލްއަގްވާމީ މީޑިޔާތަކުން ރިޕޯޓްކުރެއެވެ.

Advertisement

ކޮމެންޓް