Advertisement

ކައުންސިލު އިންތިހާބަކީ ޕީޕީއެމް އާއި ބެހޭ ކަމެއް ނޫން: ނަޝީދު

27 Jan 2020 | 07:32

ލޯކަލް ކައުންސިލް އިންތިހާބަކީ ޕީޕީއެމުން ދަންނަ އެއްޗެއް ނޫން ކަމަށާއި އެއީ ޕީޕީއެމް އާއި ބެހޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެެެއެެވެ.

"އެޖެންޑާ 19 ރަށަށް" ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި އައްޑު ސިޓީގައި ބޭއްވި ވޯރކްޝޮޕްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އިންތިހާބަށް ކެމްޕެއިން ކުރިކަމުގައި ލާމަރުކަޒީ ނިޒާމު ހިންގަން އުޅޭ ބައެއްގެ ގޮތުގައި ރާއްޖޭގެ އެއްވެސް ރައްޔިތަކު ޕީޕީއެމް ނުދެކޭނެކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން ލާމަރުކަޒީ ނިޒާމު ހަލާކުކޮށްލިކަމަށް ތުހުމަތުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ، ވެރިކަމުގެ ބާރުގައި އޮތް ދުވަހު އިދިކޮޅު ޕީޕީއެމްގެ މަސައްކަތަކަށްވީ ލާމަރުކަޒީ ނިޒާމް ރޫޅާލުމަށްކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބަކީ އެބޭފުޅުން ދަންނަ ނުވަތަ އެބޭފުޅުންނާ ގުޅޭވެސް ކަމެއްނޫންކަމަށް ނަޝީދު ވިދާޅުވިއެވެ.

''ހަގީގަތުގައި ޕީޕީއެމްއިން މި އިންތިހާބުގެ ވާހަކަ ދައްކަންވެސް ލަދުގަންނަން ވާނެ. އެބޭފުޅުންނަށް ވާ ބެހޭކަމެއްވެސް ނޫން، އެ ބޭފުޅުން ދަންނަކަމެއްވެސް ނޫން، އެ ބޭފުޅުންނާއި ގުޅޭވެސް ކަމެއް ނޫން. އެބޭފުޅުންނަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ގަދައަޅައި މަސައްކަތްކުރައްވާފައި އޮތީ މި ނިޒާމް ރޫޅާލުމަށް،'' ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި އަހަރުގެ ބަޖެޓުގައި އައްޑޫސިޓީއަށް 73 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. ކައުންސިލްތަކަށް ލާމަރުކަޒީ ގާނޫނުގެ ދަށުން ދީފައިވާ ބާރާއެކު އައްޑޫ ސިޓީއަށް ފީގެ ގޮތުގައި ހަތް މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭކަމަށް ނަޝީދު ވިދާޅުވިއެވެ.

ގާތްގަނޑަކަށް 80 މިލިއަން ރުފިޔާ ލިބޭނެކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ވަޒީފާގެ ފުރުސަތު ތަނަވަސްކުރުމާއި އާންމު ހާލަތު ރަގަޅުކުރުމުގެ އިތުރުން އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރެވިގެންދާނެކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކައުންސިލް އިންތިހާބުގައި ބަލަން ބޭނުން ވަނީ ކައުންސިލުން ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް ވައުދުވުން ކަމަށެވެ.

އަދި އެ ވައުދުތަކާ އެއްގޮތަށް ކައުންސިލްގެ މަސައްކަތްތައް ބައްޓަން ކުރަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

Advertisement

ކޮމެންޓް

Advertisement