ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލްކޮށް، ގަމު ހޮސްޕިޓަލް ޓާޝަރީ ތަނަަކަށް ބަދަލުކުރާނަން: ރައީސް

25 Jan 2020 | 22:38

ލ. ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ތަނަކަށް ބަދަލުކޮށް، ލ. ގަމު ރީޖަނަލް ހޮސްޕިޓަލު ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

"އެޖެންޑާ 19 ހައްދުންމަތީ ކޮންފަރެންސް"ގެ ނަމުގައި ލ. ގަމު އިހައްދޫ ސްކޫލުގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، ހައްދުންމަތި ވިޔަފާރީގެ މައި ހަބެއްގެ ގޮތުގައި ތަރައްގީކުރާނެ ކަމަށެވެ.

އެގޮތުން ވިޔަފާރީގެ ހަބަކަށް ހަދާއިރު، ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލްކޮށް، ގަމު ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކައްދޫ އެއާޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އޭގެއިތުރުން އެމްޑީޕީ ސަރުކާރުން ފަށާފައިވާ "އައްސޭރި ޓުއަރިޒަމް ޒޯން" އަލުން ތަރައްގީކުރުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިހާރު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަަށް ތައްޔާރުވެފައިވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ބަދަލުތަކާ އެކު ހައްދުންމަތި ވާނީ، ވަޒީފާތައް އުފެދިފައިވާ ވިޔަފާރިތައް ކުރިއަރާފައިވާ އަތޮޅަކަށެވެ. އަދި ލިބޭ ފައިސާ ގިނަވުމަކީ އެ ސަރަހައްދަށް ލިބޭނެ ތަނަވަސްކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ހައްދުންމައްޗަކީ އެންމެ ބޮޑަށް ތަރައްގީކުރަން ޖެހޭ އެއް ދާއިރާ ކަމަށެވެ. އެގޮތުން އެއީ ބިން ބޮޑު، ގުދުރަތީ ވަސީލަތްތައް ގިނަ، ބޭނުންތެރި މަސައްކަތްތަކެއް ކުުރެވޭނެ ސަރަހައްދެއް ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ތަރައްގީ މަޝްރޫއުތައް ހިންގުމުގައި އެ އަތޮޅަށް ބޮޑު އިސްކަމެއް ދީފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

Advertisement

ކޮމެންޓް