އޭސީޕީ ރިޔާޒްއާ ގުޅޭގޮތުން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް: ފުލުހުން

26 Jan 2020 | 12:54

ރައުދާ އާތިފުގެ މަރާއި ދެކުނު ރަށެއްގައި ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ރިޔާޒާއި ގުޅޭގޮތުން ފަތުރަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް ފުލުހުން ބުނެފި އެވެ.

ރައުދާގެ މަރުގެ މައްސަލައިގައި އޭސީޕީ ރިޔާޒު ހެކި ފޮރުވަން މަސައްކަތްކުރާ ކަމަށާއި ރައުދާ ދަންޖެހެން ބޭނުންކުރި ސްކާފު ފޮރުވި ކަމަށް ތުހުމަތުކޮށް ރައުދާގެ ބައްޕަ މުހައްމަދު އާތިފް ވަނީ މީސް މީޑިއާގައި މައުލޫމާތު ހާމަކޮށްފައެވެ.

އަދި ކަނޑުހުޅުދޫގައި ތުއްތު އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ހައްޔަރުކުރި އެކުއްޖާގެ ބައްޕައާއި ރިޔާޒުއާ ގާތް ގުޅުމެއް އޮންނަ ކަމުގެ ވާހަކަތަކެއްވެސް ވަނީ ފެތުރިފައެވެ.

އެމައްސަލައިގައި ފުލުހުން މިއަދު ބުނެފައިވަނީ، ރައުދާގެ މަރުގެ މައްސަަލަ އަކީ ބަންގްލަދޭޝް ފުލުހުންގެ ފަރާތުންނާއި، ގޮތްނޭނގޭ މަރުތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ކޮމިޝަނުގެ އިތުރުން ދިވެހި ފުލުހުންގެ ފަރާތުން ވަކިވަކިން ތަހުގީގު ކޮށްފައިވާ މައްސަލައެއް ކަމަށެވެ.

ރައުދާގެ މަރުގެ މައްސަލައިގައި ތިން ތަހުގީގު ވެސް ނިންމާފައިވަނީ އެއް ގޮތަކަށް ކަމަށާއި އެ މައްސަލަ ތަހުގީގު ހިންގުމުގައި އުޅުނު ފަރާތަކާއި އަދި އެ ތަހުގީގު ކުރި ގޮތާ ބެހޭގޮތުން މީޑިއާގައި ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބުރަވެ ދައްކާ ވާހަކަތަކެއް ނޫންކަމަށެވެ.

މީގެ އިތުރުން ދެކުނުގެ ރަށެއްގައި ދެ އަހަރު ނުފުރޭ ކުޑަކުއްޖަކު ރޭޕްކުރި މައްސަލައިގައި ހިމެނޭ އެއްވެސް މީހަކާއި އޭސީޕީ ރިޔާޒާއި އެއްވެސް ގުޅުމެއް ނެތްކަމަށް ފުލުހުން ބުނެއެވެ. އަދި ސޯޝަލްމީޑިއާގައި ބަޔަކު ފަތުރާފައިވާ ވާހަކަތަކަކީ ހަގީގަތެއްނެތް ވާހަކަތަކެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް