ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ރާއްޖެއަކުން އަދި ނުފެނޭ: ހެލްތް މިނިސްޓްރީ

26 Jan 2020 | 11:31

ޗައިނާގެ ވޫހާން ސިޓީން ފެތުރެން ފަށާފައިވާ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ރާއްޖެއިން އަދި މިހާތަނަށް ފެނިފައި ނުވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތް މިނިސްޓްރީން މިހެން ބުނެފައިވަނީ، ރާއްޖެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވި މީހަކު ފެނިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިއްޔެ ދެކެވެން ފެށި ވާހަކަތަކާއި ގުޅިގެންނެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވަނީ އެއާޕޯޓުތަކުގައިވެސް ދަނީ ކޮރޯނާ ވައިރަހަށް މީހުން ޓެސްޓުކުރަމުން ކަމަށެވެ. އަދި އެމީހުންގެ ތެރެއިން ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ މީހަކު ފެނިފައި ނުވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރޭގައި ވައިރަސް ޖެހިފައިވާ މީހަކު ބެލުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައިވެސް ދަނީ ސްކޭން ކުރުމަށްޓަކައި ތާމަލް ކެމެރާ ބަހައްޓާފައެވެ. ރާއްޖެ އަށް އެންމެ ގިނައިން މީހުން އެތެރެވާ ވީއައިއޭގައި މިހާރު ވަނީ މީހުން އެކަހެރިކޮށް ބޭތިއްބޭނެ އިންތިޒާމްތައް ވެސް ހަމަޖައްސައިފަ އެވެ.

ޗައިނާގެ ހޫބެއި ޕްރޮވިންސުގައި އޮންނަ ވޫހާންއިން ފުރަތަމަ ފެނުނު އެ ވައިރަސް މިހާތަނަށް 1،700 އަށް ވުރެ ގިނަ މީހުންގެ ހަށިގަނޑުން އިއްޔެގެ ނިޔަލަށް ފެނިފައިވާ ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އަދި އޭގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 41 އަށް އަރާފައެވެ.

ޗައިނާއިން ވަނީ ކޮރޯނާވައިރަސް ފެނުނު 10 އަށް ވުރެ ގިނަ ސިޓީ ބަންދުކޮށްފަ އެވެ. އެސިޓީތަކުގައި ގާތްގަނޑަކަށް 56 މިލިޔަން މީހުން ދިރިއުޅޭއިރު، އެ އެންމެންވެސް މިހާރު ތިބީ އެ ސިޓީތަކުގައި ކަރަންޓީނު ކުރެވިފަ އެވެ. މިބަލިވަނީ ދުނިޔޭގެ އެކި ގައުމުތަކަށް މިހާރު ފެތުރިފައެވެ.

ވޫހާން ވައިރަސްގެ ސަބަބުން ހުން އައުމުގެ އިތުރުން، ނޭވާލާ ނިޒާމުގެ މައްސަލަތައް ކުރިމަތިވެއެވެ. ޑަބްލިއުއެޗްއޯއިން ބުނާ ގޮތުގައި އެބަލީގެ އަލާމާތްތަކުގެ ތެރޭގައި ނޭވާލާން އުނދަގޫވުމާއި ބޭރަށް ހިންގުމާއި ހިކިކެއްސުމާއި ނިއުމޯނިއާގެ އިތުރުން ކިޑްނީ ފެއިލްވުން ހިމެނެއެވެ.

އެޗްޕީއޭ އިން ވަނީ ވޫހާން ވައިރަސްގެ އަލާމާތެއް ފެނިއްޖެނަމަ، އަދި މި ފަހުން ޗައިނާއަށް ދަތުރުކޮށްފައި ވާ ނަމަ އެޗްޕީއޭގެ ހޮޓްލައިން 7277004 އަށް ގުޅައި، އެހީތެރިކަން ހޯދުމަށް އިލްތިމާސްކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement