ރާއްޖޭގައި އިންޑިއާގެ ބޭސް އެއް އޮންނަކަމަށް ބުނަނީ ހެލިކޮޕްޓަރު އޮންނާތީ: މާރިޔާ

27 Jan 2020 | 07:49

ރާއްޖޭގައި އިންޑިއާގެ އަސްކަރީ ބޭސް އެއް އޮތްކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަނީ އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރު އޮންނާތީ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ''ފަލަ ސުރުހީ'' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ، ރާއްޖޭގައި އިންޑިއާގެ ހެލިކޮޕްޓަރު އޮތްނަމަވެސް، ދިވެހި އަސްކަރިއްޔާ ގައި ބޭރުގެ ބަޔަކު ނުތިބޭނެ ކަމަށެވެ. އިދިކޮޅުން ދައްކާ ވަހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތްކަން ފާހަގަކުރައްވައި މިނިސްޓަރު މާރިޔާ ވިދާޅުވީ، އިންޑިއާގެ ބޭސް ކަމަށް އެ ބުނާ ހެލިކޮޕްޓަރުތައް އުތުރުގައި އޮތް ނަމަވެސް، ދެކުނުގެ ރަށްތަކުން ވެސް އެހީއަށް ޖެހުމުން ހަރަކާތްތެރިވާ ކަމަށެވެ.

އަދި ސިޔާސީ ސަބަބަށްޓަކައި ގައުމުތަކާ ޖެހިގަނެގެން އުޅުމަށްވުރެ އިންޑިއާއަށް މުހިންމުވަނީ އިންސާނީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް މަރިޔާ ވިދާޅުވިއެވެ.

ކަނޑުގެ ހާދިސާތަކުގައި ވެސް ހެލިކޮޕްޓަރުތަކުގެ ބޭނުން ހިފޭ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ދާދިފަހުން ބ. އަތޮޅުގައި ސިފައިން ހިންގި ބޮޑު އޮޕަރޭޝަނުގައިވެސް ހެލިކޮޕްޓަރު ބޭނުންކުރި ކަމަށެވެ.

އަދި އިދިކޮޅު ފަރާތްތަކުން އެހގޮތަށް ހަގީގަތާ ހިލާފު ވާހަކަދެއްކި ނަމަވެސް، އެފަރާތްތަކުގެ އާއިލާތަކުންވެސް ހެލިކޮޕްޓަރުގެ ބޭނުންޖެހިގެން ގުޅުމުން އެހީ ފޯރުކޮށްދީފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އެކި ފަރާތްތަކުން އިންޑިއާގެ ބޭސް އެއް ރާއްޖޭގައި އޮންނަ ކަމަށް އިޝާރާތް ކުރަނީ އިންޑިއާގެ ޕައިލެޓުން އޮޕަރޭޓުކުރާ ހެލިކޮޕްޓަރުގެ ސަބަބުން ކަމަށެވެ. ނަމަވެސް އެ ހެލިކޮޕްޓަރުތަކުގެ ސަބަބުން އާންމުންނަށް ވަރަށް ބޮޑެތި އެހީތައް ލިބޭ ކަމަށް މާރިޔާ ފާހަގަކުރެއްވިއެވެ.

މާރިޔާ ވިދާޅުވީ އިންޑިއާއަކީ ފެށުނީއްސުރެ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް ކަމަށެވެ.

"އެކި އެކި ހާލަތްތަކުގައި، މި ދޭތެރެއިން ރާއްޖެ ފެނަށް ޖެހުނީމަވެސް ހަމަ އެމީހުން ފެން ހިފައިގެން އެންމެ ފުރަތަމަވެސް އައީ،" މާރިޔާ ވިދާޅުވިއެވެ.

މީގެއިތުރުން މާރިޔާ ވިދާޅުވީ، ދިވެހި ސިފައިންނަކީ ދައުލަތުން ހަރަދުކޮށްގެން، ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ ރައްކާތެރިކަމަށް ތިބޭ ބައެއް ކަމަށެވެ.

''ސިފައިންނަކީ ރައްޔިތުންގެ އިހުތިރާމާއި ލޯބި ލިބިގެންވާ، ހަރުދަނާ، ގާބިލް އަދި "ޕްރޮފެޝަނަލް" ބަޔަކަށް ހެއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހު އަބަދުވެސް އިސްކަންދެއްވާ،'' މާރިޔާ ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތަކީ ޒަމާނުއްސުރެ ރާއްޖެއާ ގާތް ގުޅުމެއް އޮންނަ އަވަށްޓެރި ޤައުމުތަކާ ގުޅިގެން ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ފޯރުވައިދިނުންކަން ފާހަގަކުރައްވަމުން، މިނިސްޓަރު މާރިޔާ ވިދާޅުވީ، ބޭރުގެ އެހީއާއެކު ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވުމުން، ރައްޔިތުންގެ ހިތަށް ލިބޭ ފިނިކަމާއި ހިތްހަމަޖެހުން އެންމެހާ ފަރާތްތަކުންވެސް ގަބޫލުކުރަންޖެހޭ ކަމަށެވެ.

Advertisement

ކޮމެންޓް