ދައުލަތުގެ ސިއްރު ތަހުގީގެއްގެ މައުލޫމާތު ދޭން ކުރީގެ ސީޕީ މުނާޒް އެދުނު!

28 Jan 2020 | 09:39

ދައުލަތުގެ ސިއްރު ތަހުގީގެއްގެ މައުލޫމާތު ދިނުމަށް ކަރެކްޝަނަލް ގާނޫނީ ވަކީލެއްގެ ކިބައިން ކުރީގެ ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް އެދުނުކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލަ އާންމުކޮށްފައިވަނީ ކަރެކްޝަނަލް ސާރވިސްގެ ގާނޫނީ ވަކީލެއްކަމުގައިވާ އަލްއުސްތާޛު އަލީ ރަޝީދު އަހުމަދެވެ.

އަލީ ރަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މާފުނުދެއްވާ ގައިދީއަކު ޖަލުން ދޫކުރި މައްސަލައަކާއި ގުޅިގެން ސަރުކާރުން ސިއްރު ތަހުގީގެއް ކުރުމަށް އެކުލަވާލި ޓީމްގައި އެބޭފުޅާ ހިމެނުނު ކަމަށެވެ. މި ތަހުގީގު ގެންގޮސްފައިވަނީ ދައުލަތުގެ ސިއްރެއްގެ ގޮތުގައިކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

"ކަރެކްޝަނަލް ސާރވިސްގެ ގާނޫނީ ޓީމްގެ ވަކީލެއްގެ ގޮތުގައި ހުރެ، ތަހުގީގު ޓީމްގައި މަސައްކަތް ކުރުންވީ، އުނދަގޫ ކަމަށެވެ"، އަލީ ރަޝީދު ވިދާޅުވިއެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ މުއައްސަސާގެ މައްސަލައެއް ތަހުގީގުކުރާކަން ކުރީގެ ޖަލު ކޮމިޝަނަރ މުނާޒަށް އެނގިވަޑައިގަތުމުން، އެބޭފުޅާގެ ކޮޓަރިކޮޅަށް ހާޒިރުކޮށް މުނާޒްގެ މުވައްޒަފަކަށް ވީތީ އެ ސިއްރު ތަހުގީގުގެ މައުލޫމާތު ހާމަކުރުމަށް މަޖުބޫރުކުރިކަމަށެވެ. 

އޭގެ ރައްދުގައި ޖަލުތަކާއި ޕެރޯލްގެ ގާނޫނުން އެ މުއައްސަސާގެ ކަންތައްތައް ބެލުމަށް ރައީސް ކަނޑައަޅާ ވަޒީރަކު ހުންނާނެކަަމަށް އޮތުމުން، ކޮމިޝަނަރގެ ބައެއް ބާރުތަކަކީ އެބޭފުޅާއަށް ގައިދުވެފައިވާ މުތުލަގު ބާރުތަކެއް ނޫންކަމަށް ދެންނެވިކަމަށް އަލީ ރަޝީދު ވިދާާޅުވިއެވެ. އަދި ވަކި ފަރުދަކަށް ވަފާތެރިވުމުގެ ބަދަލުގައި ގާނޫނީ، ގައުމީ އަދި ވަޒީފާގެ މަސްއޫލިއްޔަތުތަކަށް ތެދުވެރިވާނެކަމަށް ވިދާޅުވިކަމަށްވެސް އަލީ ރަޝީދު ވިދާޅުވިއެވެ.

އަލީ ރަޝީދު ވިދާޅުވީ މުނާޒްގެ ކިބައިން މާފަށް ނޭދެނީސް އެބޭފުޅާއާއި ވާހަކަނުދައްކަވާނެކަމަށް ކަރެކްޝަންސްގެ އިސްވެރިންގެ އަރިހުގައި މުނާޒް މަގާމުން ވަކިކުރެވުނު ދުވަހު ވިދާޅުވިކަމަށް އެނގިފައިވާ ކަމަށެެވެ. ނަމަވެސް ނުކުރާ ކުށަކަށް ދުވަހަކުވެސް މާފަށް ނޭދޭނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް