ގަމީހުގެ އަގު 800ޑޮލަރަށް ނާރާނެ: މަހުލޫފް

29 Jan 2020 | 16:44

އުރީދޫއިން ބޭއްވި ޚާއްސަ ހަފްލާއަށް ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފް ތުރުކުރައްވައިގެން ވަޑައިގެންނެވި ގަމީހުގެ އަގު 800ޑޮލަރަށް ނާރާނެކަމަށް އެބޭފުޅާ ވިދާޅުވެއްޖެއެވެ.

މަޚުލޫފް މިހެން ވިދާޅުވީ އެގަމީހުގެ ވާހަކަ ވަގުުތު ނޫހާއި ވޮއިސްއިން ރިޕޯޓްކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެބޭފުޅާ ވިދާޅުވީ އެ ގަމީސް ގަތްއިރު ވަގުތާއި ވޮއިސްގެ ނޫސްވެރިން ތިބި ހަނދާނެއް ނެތްކަމަށާއި، އެ މައްސަލައިގައި އެބޭފުޅާގެ ކޮމެންޓެއް ހޯދާލަން ގުޅާލިނަމަ ރަނގަޅުވީސް ކަމަށެވެ. އަދި ދުބާއީއަށް ދެކޮޅު ޓިކެޓް ނަގައިގެން ގޮސް އާ އަހަރުގެ ސޭލްއިން އެ ގަމީސް ގަތްކަމުގައިވިޔަސް 800 ޑޮލަރު ނާރާނެކަމަށް މަޚުލޫފް ވިދާޅުވިއެވެ.

އިންޓަރނެޓްގެ ޒަރިއްޔާާއިން "ފަރފެޗް.ކޮމް" ކިޔާ ވެބްސައިޓަކުން އެ ގަމީހުގެ އަގު ބެލިއިރު، ޑޮލްޗޭ އެންޑް ގަބާނާ ބްރޭންޑްގެ އެ ގަމީހުގެ އަގު މިވަގުތު ހުރީ 892 ޑޮލަރުގައެވެ. އެއީ ގާތްގަނޑަކަށް 13,754.64 ރުފިޔާއެވެ. 

މަޚުލޫފްގެ މި ޓްވީޓާއި ގުޅިގެން ގިނަބަޔަކު ވަނީ ޑިޒައިނަރ ގަމީހެއް ލިޔަސް އެއީ މައްސަލައެއް ނޫންކަމަށް ބުނެފައެވެ. އަދި ޓްވިޓަރގައި "ސިއްކަމޮހޮރީ"ގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކުން ވަނީ ދެން ލާންވީ ވާރސާޗޭގެ ގަމީހެއްކަމަށް ބުނެފައެވެ.

އަދި އަހުމަދު ޝިޔާމް ކިޔާ ފަރާތަކުން ވަނީ މަޚުލޫފްގެ ގަމީސް މާ ރީތިވުމުން ނޫސްވެރިން "ޖޭ" ވީކަމަށް ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement