Advertisement

މިސްކިތުގައި ރޯދަ ވީއްލުން މަނާކުރީ މިނިސްޓަރުގެ އެދިވަޑައިގަތުމަށް: އަހުމަދުﷲ

01 Feb 2020 | 00:50

ވިޔަފާރިވެރިންގެ މިސްކިތުގައި ސުންނަތް ރޯދަ ވެރިންގެ ރޯދަ ވީއްލުމުގެ ކަންކަން ކުރިޔަށް ނުގެންދަން އެންގީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުގެ އެދިވަޑައިގަތުމުގެ މަތީން ކަމަށް، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދުﷲ ޖަމީލު ވިދާޅުވެއްޖެއެވެ.

އަހުމަދުﷲ ޖަމީލު މިފަދައިން ވިދާޅުވީ، ވިޔަފާރިވެރިންގެ މިސްކިތުގައި ރޯދަ ވީއްލުމުގެ ކަންކަން ކުރިޔަށް ނުގެންދަން، އިސްލާމިކް މިނިސްޓްރީގެ ފަރާތުން އޭނާ އެންގިކަމަށް ދެކެވޭ ވާހަކައަށް ރައްދު ދެއްވަމުންނެވެ.

ހުސްވި ހަފްތާގައި އެގޮތައް އެންގުމުން އެ މިސްކިތުގައި ރޯދަ ވީއްލުމުގެ ކަންކަން މިހާރު ވަނީ ހުއްޓާލާފައެވެ.

''ވޮއިސް'' އަށް މައުލޫމާތު ދެއްވަމުން އަހުމަދުﷲ ޖަމީލު މިއަދު ވިދާޅުވީ، ވިޔަފާރިވެރިންގެ މިސްކިތުގައި ރޯދަ ވީއްލުމުގެ ކަންކަން އިންތިޒާމު ނުކުރަން އޭނާ އެންގެވި ކަމަށެވެ. ނަމަވެސް އެގޮތަށް އެންގެވީ މިނިސްޓަރު ވިދާޅުވެގެން ކަމަށް އަހުމަދުﷲ ވިދާޅުވިއެވެ.

އަދި މިސްކިތްތަކުގައި ރޯދަ ވީއްލުމުގެ ކަންކަން އިންތިޒާމުކުރާ ފަރާތްތަކުން އެކަން ކުރެވޭނީ އެކަމަށް ޚާއްސަ ހުއްދައެއް ނަގައިގެން ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ހުއްދައަށް އެދެން އަމަލުކުރަންވީ ކޮން އުސޫލެއްގެ ތެރެއިން ކަމެއް އަހުމަދުﷲ ވިދާޅެއް ނުވެއެވެ.

''ވޮއިސް'' އަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލު މި ހަފްތާގައި ވިދާޅުވެފައިވަނީ ވިޔަފާރިވެރިންގެ މިސްކިތުގައި ރޯދަ ވީއްލުމުގެ ކަންކަން ހުއްޓައިލުމަށް ރަސްމީކޮށް އަންގާފައި ނުވާނެ ކަމަށެވެ. ނަމަވެސް މިނިސްޓްރީގެ ބޭފުޅަކު ވަކިން އެހެން ވިދާޅުވެފައި އޮވެދާނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

މިސްކިތްތަކުގައި ރޯދަ ވީއްްލުމަކީ ރާއްޖޭގައި ވަރަށް އާންމު ކަމެކެވެ. އަދި ރޯދަމަހު ހުރިހާ މިސްކިތެއްގައިވެސް ރޯދަ ވީއްލުން އޮވެއެވެ.

Advertisement

ކޮމެންޓް

Advertisement