ވޫހާންގައި ތިިބި ދިވެހިން ނެރެވިއްޖެނަަމަ ފުރަތަމަ ގެންދާނީ އެހެން ގައުމަކަށް: ޝާހިދު

31 Jan 2020 | 02:02

ނޮވެލް ކޮރޯނާ ވައިރަސް އެންމެ ބާރުމިނެއްގައި ފެތުރެމުންދާ ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިން އެ ޝަހަރުން ނެރެވިއްޖެނަމަ އެންމެ ފުރަތަމަ ގެންދާނީ އެހެން ގައުމަކަށް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހާމަކުރައްވައިފިއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ކޮރޯނާ ވައިރަހާއި ގުޅިގެން އުފައްދާފައިވާ ޕްރިވެންޝަން ކޯޑިނޭޝަން ކޮމިޓީއިން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ޝާހިދު ވިދާޅުވީ ވޫހާން ސިޓީގައި ތިބީ ޖުމްލަ ނުވަ ދިވެހިން ކަމަށާއި އަދި އެފަރާތްތަކުގެ ތެރެއިން އަނބުރާ ރާާއްޖެއަށް އަންނަން ބޭނުންވަނީ ހަތް ފަރާތަކުންކަމަށެވެ. އަދި އެފަރާތްތައް އަނބުރާ ދިވެހިރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވަނީ ވޫހާން މިވަގުުތު އޮތީ ލޮކްޑައުންއެއްގައިކަން ފާހަގަކުރައްވާފައެވެ. ނަަމަވެސް އަވައްޓެރި ބައެއް ގައުމުތަކުންވެސް އެގައުމުގެ ރައްޔިތުން ވޫހާންއިން ނެރުމަށް މަސައްކަތް ކުރަމުންދާއިރު، އެފަރާތްތަކާއި ގުޅިގެން ދިވެހިން ނެރެވޭތޯވެސް މަސައްކަތް ކުރާނެކަމަށް ޝާހިދު ވިދާާޅުވިއެވެ. ނަމަވެސް އެއީ ކޮން ގައުމެއްކަން މިނިސްޓަރ ޝާހިދު ހާމަކުރައްވާފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަަވައްޓެރި ސްރީލަންކާ އަދި އިންޑިޔާއިންވެސް ދަނީ އެގައުމުގެ ރައްޔިތުން ވޫހާން ޝަހަރުން ނެރުމަށް ޚާއްސަ ފްލައިޓްތަކެއް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. ޝާހިދު ވިދާޅުވީ ވޫހާންއިން ނެރެވޭ ފަރާތްތައް ފުރަތަމަ ގެންެދެވޭނީ ބޭރު ގައުމަކަށް ކަމަށާއި، އެއަށްފަހު އެތަނުގައި ކަރަންޓީން މުއްދަތެއް ވޭތުކުރުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް ގެނެވޭނެ ކަމަށެވެ.

މިނިސްޓަރ ޝާހިދު މިއަދު ވަނީ ވޫހާންގައި ކާބޯތަކެތީގެ އަގުބޮޑުުވުމާއި ގުޅިގެން އެ ޝަހަރުގައި ތިިބި ދިވެހިންނަށް ދުވާލަކު 50 ޑޮލަރުގެ އެލަވަންސެއް ދެމުންގެންދާކަމަށްވެސް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement