ސައީދުގެ ސުވާލު ހެލްތް މިނިސްޓަރަށް: ރާއްޖޭގައި ޓެސްޓް ހެދެން ނެތްއިރު ވައިރަސް ނެތްކަން ޔަގީންކުރީ ކިހިނެއް

31 Jan 2020 | 02:01

ކޮރޯނާ ވައިރަސް ރާއްޖޭގައި ނެތް ކަމުގެ ޔަގީންކަން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން، ރައްޔިތުންނަށް ދެއްވީ އެކަމުގެ ކިހާވަރެއްގެ ދިރާސާއެއް ކުރުމަށްފަހުތޯ، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ސުވާލު އުފައްދަވައިފިއެވެ.

މެންބަރު ސައީދު ވިދާޅުވީ ދުނިޔޭގެ މަދު ގައުމަކުން މެނުވީ ޓެސްޓެއް ހެދެން ނެތް ވައިރަހެއް ރާއްޖެއަށް ފެތުރިއްޖެނަމަ އެކަން ކޮންޓްރޯލްކުރަން ވަރަށް އުނދަގޫވާނެ ކަމަށެވެ.

''ނޫސްތައް ބަލައިލީމަ އެބަ އޮވޭ މިބަލި ޓެސްޓް ކުރެވޭކަށް ރާއްޖެއަކު ނޯވެޔޭ އެއްވެސް ލެބޯޓްރީއެއްގައި. އެހެންވެއްޖެއްޔާ މިހާތަނަށް ދިވެހި ރާއްޖޭގައި މިފަދަ ވައިރަސްއެއް ނޫޅޭކަން ޔަގީންކުރީ ކޮން ގޮތަކަށްބާވައޭ. އެބަބުނޭ ޓެސްޓްކުރަންވެއްޖެއްޔާ އިންޑިއާ އަށޭ ފޮނުވަންޖެހެނީ. ތިމަންނާމެން މަސައްކަތް މިކުރަނީ ޑަބްލިޔުއެޗްއޯ ބުނާގޮތަށޭ. ފަތުރުވެރި ކަމުގެ ސިނާއަތުގެ އިސް ފަރާތްތައް ބުނާގޮތަށޭ. ސިއްހީ މާހިރުން ވިދާޅުވާ ގޮތަށޭ ކިޔާނެ، ދެން ކޮބާތޯ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ފެނިގެން ކަންކުރާ ގޮތަކީ.'' ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ކޮރޯނާ ވައިރަސް ރާއްޖޭގައި ނެތްކަމުގެ ޔަގީންކަން ހެލްތް މިނިސްޓްރީން ދޭގޮތާމެދު އޭނާ އަޖައިބުވެފައިވާ ކަމަށެވެ. އަދި އެކަން މިހާރު އަރަތަކަށް ވެފައިވާކަމަށާއި ނުރައްކާތެރި ބަހުސަކަށްވެސް ވެއްޖެ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ ހިންގުންތެރިކަން ނެތްކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ، ގައުމު ކުރިޔަށް ގެންދާނެ ގޮތް ނޭނގުނުއިރު، ގައުމު ފަހަތަށްވެސް ގެންދާނެ ގޮތެއް ސަރުކާރަށް ނޭނގުނު ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ސަރުކާރު ޒިންމާދާރުކުރުވުމަށްޓަކައިވެސް މިއަދު ރައްޔިތުން ވައިރަސްގެ ވާހަކަ ގިނަގިނައިން ދައްކަންޖެހޭ ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement