Advertisement

ފަސޭހަކަމާއެކު 6 ލަނޑު ޖަހައި ސިޓީއިން ތާވަލުގެ އެއްވަނައަށް

05 Nov 2018 | 06:53

އިނގިރޭސި ޕްރިމިއަރ ލީގުގައި ސައުތްހެމްޕްޓަން ކޮޅަށް 6 ލަނޑު ޖަހައި ސިޓީއިން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީއަށް ކުރި ލިބުނީ ސައުތްހެމްޕްޓަންގެ ޑިފެންޑަރު ހޮއިޑްޓް ބައިކޮޅަށް ވައްދާލި ލަނޑާއެކުއެވެ.

ފުރަތަމަ ހާފު ނިމުނު އިރު އަގުއޭރޯ، ސިލްވާ އަދި ސްޓާލިންގް ޖަހައިދިން ލަނޑުތަކާއެކު ސިޓީ އޮތީ ހަމަޖެހިލާފައެވެ. ދެވަނަ ހާފުގައި މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ސްޓާލިންގ އަދި ސާނޭ ޖަހައިދިން ލަނޑުތަކާއެކު ސިޓީ މެޗު ނިންމާލީ ޖުމްލަ 6 ލަނޑާއެކީއެވެ. ސައުތްހެމްޕްޓަންގެ ފަރާތުން މެޗުގައި ފެނުނު ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން އިންގްސްއެވެ.

މެޗުގައި ބޯޅަ ގެންގުޅުނު ގަޑިތަކުގައި އަދި އެ ނޫން ގަޑިތަކުގައިވެސް ސިޓީން ދައްކާފައިވަނީ ވަރަށް މޮޅު ކުޅުމެއް ކަމުގައި ސިޓީގެ ކޯޗް ގާޑިއޯލާ މެޗަށް ފަހު މީޑިއާތަކައި ވާހަކަދައްކަމުން ބުންޏެވެ.

ސައުތްހެމްޕްޓަންގެ ކޯޗް މާކް ހިއުސް ބުނީ އޭނާގެ ޓީމް ބަލިވީ ޑިފެންޑަރުންނަށް ސިޓީގެ ފޯވަޑުން މަތަ ނުކުރެވުމުން ކަމަށެވެ.

މި މެޗުން ލިބުނު 3 ޕޮއިންޓާއެކު ސިޓީ ތާވަލުގެ އެއްވަނައިގަ އޮތީ 29 ޕޮއިންޓާއެކުއެވެ. ސިޓީއަށްވުރެ 2 ޕޮއިންޓް މަދުން ލިބިގެން ތާވަލުގެ ދެވަނައިގަ އޮތީ ޗެލްސީއެވެ. ސައުތްހެމްޕްޓަން އޮތީ 7 ޕޮއިންޓާއެކު ރެލިގޭޝަން ޒޯނައި ވަރަށް ކައިރީގައެވެ.      

Advertisement

ކޮމެންޓް