މޮރާޓާގެ 2 ލަނޑާއެކު ޗެލްސީ މޮޅުވެއްޖެ

05 Nov 2018 | 06:50

އިނގިރޭސި ޕްރިމިއަރ ލީގުގައި ކްރިސްޓަލް ޕެލަސްއައި ކުޅެ 3-1 ކުން ޗެލްސީ މޮޅުވެއްޖެއެވެ.

ޗެލްސީގެ ފަރާތުން ޕާސިން މޮޅު ގޭމެއް ފެނުނު މި މެޗުގައި އެ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ސްޕެއިންއަށް ނިސްބަތްވާ އަލްވާރޯ މޮރާޓާ އަދި ޕެޑްރޯއެވެ.

32 ވަނަ މިނެޓުގައި މޮރާޓާ ޖަހައިދިން ލަނޑާއެކު ޗެލްސީ ކުރީގައި އޮވެ ފުރަތަމަ ހާފް ނިންމާލިއިރު ޕެލަސްވަނީ ދެވަނަ ހާފުގެ ކުޅުން ފަށައިގެން މާ ގިނަ އިރުތަކެއްނުވެ ޓައުންސެންޑް ޖަހައިދިން ލަނޑާއެކު ނަތީޖާ ހަމަހަމަކޮށްފައެވެ.

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދަނޑަށް އެރި ހަޒާޑް ނަގައިދިން ހުރަހަކުން އަނެއްކާވެސް މޮރާޓާ ޗެލްސީއަށް ކުރި ހޯދަ ދިން އިރު ޗެލްސީއަށް ލީޑް ފުޅާ ކޮށްދިނީ ޕެޑްރޯއެވެ.

ޕޯސްޓް-މެޗް އިންޓަވިއުގައި ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗް ސަރީ ބުނީ މެޗުގައި ޗެލްސީގެ ނަސީބަކަށްވީ ހަޒާޑް ކަމަށެވެ.

ނަތީޖާއައި ދޭތެރޭ ހިތްހަމަނުޖެހިފައި ހުރި ޕެލަސްގެ ކޯޗް ހޮޑްސަން ބުނީ މި ސީޒަނުގައި ބާކީ އަދިވެސް ބައިވަރު މެޗުތަކެއް އެބޮތްކަމަށާއި ކުރިއަށް އޮތް ތަނުގައި ޕެލަސްގެ ފަރާތުން ރަނގަޅު ނަތީޖާތަކެއް ފެނިގެންދާނެ ކަމަށެވެ.

ޗެލްސީ އަދި ލިވަޕޫލްއަށް 27 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން ތާވަލުގެ ދެވަނަ ލިބެނީ ޗެލްސީއަށެވެ.

މި ސީޒަނުގެ ލީގުގައި 11 މެޗު ކުޅެވުންއިރު، ޗެލްސީ ކުޅުން އެއްވެސް މެޗަކުން އަދި ބަލިވެފައެއް ނުވެއެވެ. 2005-06 އަދި 2014-15 ގެ ސީޒަނުގައިވެސް ޗެލްސީއިންވަނީ ލީގުގައި ކުޅުނު ފުރަތަމަ 11 މެޗެ ބަލިނުވެ ހިފަހައްޓާލާފައެވެ. އެ ދެ ސީޒަނުގަވެސް ލީގު ނެގީ ޗެލްސީކަން ފާހަގަކޮށްލަން ޖެހެއެވެ.   

Advertisement

ކޮމެންޓް