ހިޔާ މަޝްރޫއުގައި ދިރިއުޅުމުގެ ހާލަަތަށް ޕޮއިންޓް ދިން މިންގަނޑެއް އެނގެން ނެތް: ކޮމެޓީ

06 Feb 2020 | 16:37

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެއްޓެވި ހިޔާ މަޝްރޫއުގައި ދިރިއުޅުމުގެ ހާލަަތަށް ޕޮއިންޓް ދިން މިންގަނޑެއް އެނގެން ނެތްކަމަށް ފްލެޓްތަކުގެ މައްސަަލަ ބަލާ ކޮމެޓީން ބުނެފިއެވެ.

އެ ކޮމެޓީން މިހެން ބުނެފައިވަނީ މިއަދު އާންމުކުރި ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި "ހިޔާ" މަޝްރޫޢުގެ ގިނަ ކެޓަގަރީތަކުގައި "ދިރިއުޅުމުގެ ޙާލަތު"، މިބަޔަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާއިރު، މިބަޔަށް ޕޮއިންޓް ދިނުމުގައި ބަލާފައިވަނީ ކޮން ކަންތައްތަކަށްކަމެއް ނުވަތަ ގެންގުޅެފައިވަނީ ކޮން މިންގަނޑެއްކަމެއް، އެ ކޮމިޓީން ބެލި ބެލުމުން އެނގެން ނެތްކަމަށެވެ. އެހެންކަމުން މި ބަޔަށް ޕޮއިންޓް ދިނުމުގައި ބަލާނެ ކަންތައްތައް ހިމެނޭ މިންގަނޑެއް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަޝްވަރާގެ މަތިން އެކުލަވާލާފައިވާކަމަށް ވަނީ ބުނެފައެވެ.

 އަދި، ދިރިއުޅުމުގެ ޙާލަތު އެންމެ ފުރިހަމައަށް ވަޒަންކުރެވޭނީ ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތްކޮށް، އެ ޙާލަތު ބެލުމަށްފަހުގައިކަމަށް ކޮމިޓީން ނިންމާފައިވާތީ، "ދިރިއުޅުމުގެ ޙާލަތު"، މިބަޔަށް ޕޮއިންޓްދިނުމަށްޓަކައި ގޭގެއަށް ޒިޔާރަތްކޮށް ޙާލަތު ވަޒަންކުރުމުގެ މަސައްކަތްވެސް މިހާރު ފެށިފައިވާކަމަށް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން "ހިޔާ" މަޝްރޫޢުއަށް ހުށަހަޅާފައިވާ ބައެއް ފޯމުތަކާއެކު ހުށަހަޅަންޖެހޭ ގިނަ ލިޔެކިޔުން މަދުކަމަށް ކޮމިޓީއަށް ފާހަގަކުރެވިފައިވާކަމަށް ވަނީ ބުނެފައެވެ. އެގޮތުން އުފަންދުވަހުގެ ސެޓްފިކެޓާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން އަންގައިދޭ ލިޔުންފަދަ މުހިއްމު ލިޔުންތައް މަދުކަމަށް ވަނީ ބުނެފައެވެ.

"ދިރިއުޅުމުގެ ޙާލަތު" ވަޒަންކުރުމުގެ މަސައްކަތުގެ ތެރެއިން، އެންމެ ފުރަތަމަ ކުރެވޭ ކަމަކީ، އެ ކެޓަގަރީއަކުން ސްކްރީނިންގ ޕްރޮސެސްއިން، ޝަރުތު ހަމަވާކަމަށް ކަނޑައެޅޭ ފަރާތްތަކަށް ގުޅައި، އެ ފަރާތްތަކުން މިހާރު ދިރިއުޅޭ އެޑްރެސް ވެރިފައިކުރުމުގެ މަސައްކަތެވެ. މިގޮތަށް އެ ކެޓަގަރީއަކުން ޝަރުތު ހަމަވާ ފަރާތްތަކުގެ އެޑްރެސް ވެރިފައިކުރުމަށްފަހު، ގޭގެއަށް ޒިޔާރަތްކުރުމަށް ވަކި މުއްދަތެއް ކަނޑައެޅެއެވެ. އަދި ގޭގެއަށް ޒިޔާރަތްކުރުމަށް ޚާއްސަކުރެވިފައިވާ ޓީމަށް ބްރީފްކުރުމުގެ ސެޝަންތައް ކުރިއަށްގެންދެވޭނެކަމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމެޓީން މައުލޫމާތުދެއެވެ.

މި ދެންނެވި ޓީމުތަކުން، ކަނޑައެޅިފައިވާ ދުވަސްދުވަހު ޒިޔާރަތްކުރުމަށް ކަނޑައެޅިފައިވާ ފަރާތްތަކަށް ގުޅައި، އެ ގެއަކަށް "ދިރިއުޅުމުގެ ޙާލަތު" ބެލުމަށް ދިޔުމަށް ނިންމާފައިވާކަން ދަންނަވައި، އެއްބަސްވެވޭ ވަގުތެއްގައި އެގެއަށް ގޮސް "ދިރިއުޅުމުގެ ޙާލަތު" ބެލުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް ވަނީ ބުނެފައެވެ.

އަދި "ހިޔާ" މަޝްރޫޢަށް ފޯމު ހުށަހަޅާފައިވާ ބައެއް ފަރާތްތަކުން ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅެމުންދާތީ، މި ފަރާތްތަކުގެ "ދިރިއުޅުމުގެ ޙާލަތު" ވަޒަންކުރުމުގެ މަސައްކަތް، އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް ކުރެވޭނެކަމަށް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް