ހދ. އަތޮޅު ކައުންސިލުގެ ރައީސް ކަމަށް ޕީޕީއެމުގެ ޓިކެޓް ރައްޒާގަށް

08 Feb 2020 | 11:29

ކުރިޔަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ހދ. އަތޮޅު ކައުންސިލުގެ ރައީސް ކަމަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓަކު ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބު، ހދ. ކުޅުދުއްފުށީ ގޭޖް އަބްދުއްރައްޒާގު އަހުމަދު ކާމިޔާބުކޮށްފިއެވެ.

ރައްޒާގުއާއި އެކު ޕްރައިމަރީގައި ދެން ވާދަކުރީ އެރަށު ޒަމްޒަމް ނިޒާރު މުސާ އެވެ.

ހދ. އަތޮޅު ހަނިމާދޫ ފިޔަވައި ދެން ހުރިހާ ރަށެއްގައި ބޭއްވި މި އިންތިހާބުގައި އަތޮޅުގެ ހުރިހާ ރަށަކުންވެސް ރައްޒާގަށް ބޮޑު ތާއީދެއް ލިބިފައިވެއެވެ. ހަނިމާދޫގައި އިންތިހާބު ނުބޭއްވީ ކެންދޑިޑޭޓުން ތާއީދުހޯދަން ނުދާތީ ކަމަށް އެރަށު ޕީޕީއެމްގެ އިސް ފަރާތްތަކުން ބުނެފައި ވެއެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައްޒާގަށް ލިބިފައިވަނީ 262 ވޯޓެވެ. ނިޒާރު މޫސާ އަށް ލިބިފައިވަނީ 48 ވޯޓެވެ. ބާތިލް ވޯޓްގެ ގޮތުގައި 20 ވޯޓްވަނީ ގުނާފަ އެވެ.

ޕްރައިމަރީގައި އެންމެ ފޯރިޔާއި އެކު ވޯޓުލާފައިވަނީ ކުޅުދުއްފުށީގައެވެ. ކުޅުދުއްފުށީގައި ޕީޕީއެމްގެ ދަފްތަރުގައި 939 މެމްބަރުން ވޯޓްލުމުގެ ހައްގު ލިބިފައިވާ އިރު ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ދިޔަ އެ ޕާޓީގެ ޕްރައިމަރީގައި ވޯޓްލާފައިވަނީ 573 މެމްބަރުންނެވެ.

Advertisement

ކޮމެންޓް