ދިފާއީ ދާއިރާގައި އިންޑިޔާއިން އިތުރު އުޅަނދަކަށް ރާއްޖެއިން އެދެނީ

08 Feb 2020 | 13:49

ދިވެހިރާއްޖޭގެ ދިފާއީ ދާއިރާ އިތުރަށް ވަރުގަދަ ކުުރުމަށްޓަކައި އިންޑިޔާގެ ކިބައިން އިތުރު އެހީއަކަށް އެދެން ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އިންޑިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ މީޑިޔާއެއްކަމުގައިވާ "ވިއޯން"އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

މާރިޔާާ ވިދާޅުވީ މި ދަތުރުފުޅުގައި އެގައުމުގެ އާ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރާވަތާއި ބައްދަލުކުރެއްވި ކަމަށާއި، އެ ބައްދަލުވުމުގައި ގިނަ ކަންތައްތަކަކާއި މެދު މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ދިފާއީ ދާއިރާގައި ދެގައުމުން ގުޅިގެން ގިނަ ކަންތައްތަކެއް ކުރެވޭނެކަމަށް އުންމީދުކުރައްވާކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މިދިޔަ ޑިސެމްބަރ މަހު އިންޑިޔާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރި "ކާމިޔާބު" އުޅަނދުގެ އިތުރުން، އާ އުޅަނދަކަށް އެދިފައިވާނެކަމަށާއި އެކަމާއި ގުޅޭގޮތުން އިންޑިޔާާއިން ފެހި ސިގްނަލެއް ދީފައިވާ ކަމަށެވެ. އަދި މި އުޅަނދުތައް މަރާމާތުކޮށް ބެލެހެއްޓުމާއި މެދުވެސް ވާހަކަދެކެވުނުކަމަށް މާރިޔާާ ވިދާޅުވިއެވެ.

މި އިންޓަރވިއުގައި އެކަމަނާ ވަނީ ވޫހާންގައި ތިބި ހަތް ދިވެހިން އެތަނުން ބޭރަށް ގެންދިއުމުގައި އިންޑިޔާއިން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކޮށް، އެކަމަށް ޝުކުރު ދަންނަވާފައެވެ. 

Advertisement

ކޮމެންޓް

Advertisement